ސްޓެލްކޯއިން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ނިންމައިފިއެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ވިލިމާލޭގައި އާ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަށް ކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވަނީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖާއެކު ދަތުރުފަތުރުގެ މާބޮޑު ހުރަސްތަކެއް ނޯންނާނެ ކަން ފާހަގަ ކުރައްވާފައެވެ.

ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ޝަރީފު ވަނިީ ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުކުރާނެ ތާރީހު އިއުލާނު ކުރައްވާފައެވެ. އެގޮތުން އަންނަ މަހުގެ 6 ވަނަ ދުވަހު ފްލެޓް ލިބިފައިވާ މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި، 1+2 އެޕާޓްމަންޓްތަކުގެ މަހު ކުލީގެ ގޮތުގައި ނަގާނެ މިންވަރު ވެސް ޝަރީފު ވަނީ އިއުލާން ކުރައްވާފައެވެ. މިގޮތުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުން މަހުކުލީގެ ގޮތުގައި 5622 ރުފިޔާ ނަގާއިރު 1+2 އެޕާޓްމަންޓްތަކުން މަހުކުލީ 10356، 10652 ދެމެދުގެ އަދަދެއް ނަގަން ހަމަޖެހިފައިވާ ކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ،

މެއިންޓެނަންސް ފީގެ ގޮތުގައި 1 ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ޝަރީފް ވިދަޅުވިެއވެެ.

ޝަރީފު ވަނީ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް މިބައްދަލުވުމުގައި ދެއްވާފައެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.