މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން ކުރެހުމުގެ މުބާރާތެއް ވެސް ބާއްވަން ނިންމައިފިއެވެ.

ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ މަޒުމޫނު ލިޔުމުގެ މުބާރާތަކަށް ވެސް ހުޅުވާލާފައެވެ. މި ދެ މުބާރާތަކީ ވެސް 4 އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ މުބާރާތްތަކެކެވެ. އަދި މުބާރާތުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ހޭލުންތެރި ކަން އިތުރު ކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރި ކަން އިތުރުކުރުން ކަމަށެވެ. 4 އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރި ކުރާ ކުރެހުންތައް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަން ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވަން ވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޒުމޫނު މުބާރާތުގެ ބައިވެވޭ އުމުރުފުރާތައް:

  • 35 އަހަރުން މަތި (ސެޕްޓެންބަރު 1، 2022 އަށް 35 އަހަރު ފުރިފައި)
  • 35 އަހަރާއި 18 އަހަރާ ދެމެދު (ސެޕްޓެންބަރު 1، 2022 އަށް 18 އަހަރުފުރި، 35 އަހަރު ނުފުރޭ)
  • 18 އަހަރާއި 14 އަހަރާއި ދެމެދު (ސެޕްޓެންބަރު 1، 2022 އަށް 14 އަހަރު ފުރި، 18 އަހަރު ނުފުރޭ)
  • 14 އަހަރުން ދަށް (ސެޕްޓެންބަރު 1، 2022 އަށް 14 އަހަރު ނުފުރޭ)

މި މުބާރާތަށް މަޒުމޫނު ފޮނުވާ އިރު، ކޮންމެ ބައިވެރިއަކު ފޮނުވާ މަޒުމޫނާއެކު އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފޮނުވަން ވާނެއެވެ. ނުވަތަ ކުރެހުން ހުށަހެޅުމުގެ ކުރިން، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ އިދާރާގެ އީމެއިލަށް ފޮނުވަން ވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި ކޮންމެ ބައިވެރިއަކު ވެސް ކުރެހުން ފޮނުވަން ވާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަމަށާއި އެ ކުރެހުމެއްގެ ބޭރުގައި "ކުރެހުމުގެ މުބާރާތް – ޑިމޮކްރަސީ ދުވަސް 2022" މިހެން ޖަހަންވާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

ކުރެހުންތައް ހުންނަން ޖެހޭނެ ގޮތް:

  • މުބާރާތަށް ހުށަހެޅޭ ކުރެހުމެއްގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މުޖްތަމަޢުގެ ޢާންމު އަޚްލާޤީ މިންގަނޑުތަކާ ތަޢާރުޒުވާ މަންޒަރެއް ނުވަތަ މެސެޖެއް ހިމެނިގެން ނުވާނެއެވެ.
  • ކުރެހުމުގެ ނުފުށުގައި ކުރެހުން ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު، އުފަން ތާރީޚް އަދި އެޑްރެސް ޖަހަން ވާނެއެވެ.
  • ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
  • ހުށަހަޅާ ކުރެހުމަކީ މުބާރާތުގައި ބައިވެރިވާ ފަރާތުގެ އަމިއްލަ އުފެއްދުމެއްކަމުގައި ވާންޖެހޭނެއެވެ.
  • ކުރެހުންތައް ހުންނަންޖެހޭނީ އަތުން ކުރަހާފައެވެ. ކޮމްޕިއުޓަރު ގްރެފިކްސް ގަބޫލެއް ނުކުރެވޭނެއެވެ.
  • ކުރެހުމުގައި ބޭނުން ބާވަތެއްގެ ޑްރޯވިންގ މީޑިޔާއެއް ބޭނުން ކުރެވިދާނެއެވެ.
  • ކުރެހުމުގައި އެންމެ ކުޑަވެގެން 12" އާއި 18" ހުންނަން ވާނެއެވެ.
  • ކުރެހުމުގެ ވަށައިގެން ހަތަރު ފަރާތުންވެސް 1ސެންޓިމީޓަރު ހަވާސާގެ ގޮތުގައި ބާއްވަން ޖެހޭނެއެވެ. ނަމަވެސް ހަވާސާ ރޮނގު ދަމައިގެން ނުވާނެއެވެ.
  • އެއްވެސް ލިޔުންކޮޅެއް ކުރެހުމުގައި ލިޔާނަމަ، އެ ހުންނަންވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.
  • ކުރެހުމުގައި ހުންނަންޖެހޭ މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކުރެހުންތައް ބާޠިލު ކުރެވޭނެއެވެ.

މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދެވޭނެއެވެ. އެގޮތުން ހޮވޭނެ ވަނަތަކާއި ފައިސާގެ އިނާމުގެ ތަފްސީލަށް ބަލާއިރު، ކޮންމެ އުމުރު ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވަން ވަނީ ނިންމާފައެވެ. އެ ގޮތުން އެއްވަނަ އަށް 2000 ރުފިޔާ ދޭން ނިންމާފައިވާ އިރު، ދެވަނަ އަށް 1500 ރުފިޔާ އަދި ތިން ވަނަ އަށް 1000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. ހަމައެއާއެކު މުޅި މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ ދޭން ނިންމާފައިވާ އިރު، ދެވަނައަށް 4000 ރުފިޔާ އަދި ތިން ވަނައަށް 3000 ރުފިޔާގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.