ހިޔާ މަޝްރޫއުގެ ތެރޭގައި ހިމަނާ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އިމާރާތް ކުރަން ފެށި ފްލެޓްތައް ނިމި، އަންނަ މަހު 6 ގައި ހަވާލުކުރާނެ ކަމަށް ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެއްޖއެވެ.

ޝަރީފު މިހެން ވިދާޅުވީ، ސްޓެލްކޯގެ ޑިރެކްޓަރު ބޯޑުގެ މެންބަރުން މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ޝަރީފު ވިދާޅުވީ މީގެ ކުރިން ފްލެޓްތައް ހަވާލުކުރަން ނިންމީ މިއަދު ކަމަށެވެ. ނަމަވެސް އެ ތާރީހަށް ބަދަލު އައިސްފައިވާ ކަމަށާއި ފްލެޓްކުގެ ތަޅުދަނޑި ހަވާލުކުކުރާނެ ތާރީހެއް މިހާރު ފައިނަލް ވެފައިވާ ކަމަށެވެ. މިގޮތުން ފްލެޓް ލިބިފައިވާ މުވައްޒަފުންނަށް އަންނަ މަހުގެ 6 ވަނަ ދުވަހު ފްލެޓްތަކަށް ވަދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އިރާދަ ކުރެއްވިއްޔާ 6 އޮގަސްޓުވާ ހޮނިހިރު ދުވަހުގަ އަޅުގަނޑުމެންގެ ސްޓާފުންގެ ތެރެއިން ފްލެޓް ލިބިފައިވާ ބޭފުޅުން މެންދުރު ފަރީއްކުޅުވަން ޖެހޭނީ ފްލެޓްގައި
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް

މީގެ އިތުރުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކާއި، 1+2 އެޕާޓްމަންޓްތަކުގެ މަހު ކުލީގެ ގޮތުގައި ނަގާނެ މިންވަރު ވެސް ޝަރީފު ވަނީ އިއުލާން ކުރައްވާފައެވެ. އެގޮތުން އެއްކޮޓަރީގެ އެޕާޓްމަންޓްތަކުން މަހު ކުލީގެ ގޮތުގައި 5622 ރުފިޔާ ނަގާއިރު 1+2 އެޕާޓްމަންޓްތަކުން މަހު ކުއްޔަކީ 10356، 10652 ދެމެދުގެ އަދަދެއް ކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ،

މީގެ އިތުރުން އެއް އަހަރު ދުވަސް ވަންދެން ފެނާއި ނަރުދަމާއަށް ދިމާވާ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ދިރިއުޅުމަށް ތައްޔާރުވަމަށްޓަކައި ދީފައިވާ މުއްދަތުގެ ތެރޭގައި މަހު ކުއްޔެއް ނުނަގާނެ ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.

މެއިންޓެނަންސް ފީގެ ގޮތުގައި 1 ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ޝަރީފް ވިދަޅުވިެއވެެ.

ޝަރީފު ވަނީ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް މިބައްދަލުވުމުގައި ދެއްވާފައެވެ.

ޝަރީފު ވިދާޅުވިގޮތުގައި މި މަޝްރޫއަށް 640 މިލިއަން ދިވެހި ރުފިޔާ ހަރަދުވެފައި ވެއެވެ. އަދި ބައެއް މަރާމާތުތަކަށްފަހު 700 މިލިއަށް އެރުން ވަރަށް ގާތް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ކުންފުނިން ބޭނުންވަނީ މުވައްޒަފުން ޝުކުރުވެރިކަމާ އެކީ އެކަން ބަލައިގަންނަން، ސްޓެލްްކޯގެ ފަރާތުން މި ވެދިން އެހީތެރިކަން ޝުކުރުވެރިކަމާ އެކީ ބަލައިގެން ދެއްވާ،
ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައި ވެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.