މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ހޭލުންތެރި ކަން އިތުރު ކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރި ކަން އިތުރުކުރުން ކަމަށެވެ. 4 އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މަޒުމޫނު މުބާރާތުގައި ބައިވެރި ކުރާ މަޒުމޫނުތައް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަން ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އީމެއިލުން ފޮނުވަން ވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޒުމޫނު މުބާރާތުގެ ބައިވެވޭ އުމުރުފުރާތަކާއި މަޒުމޫނުގެ ދިގު މިން ހުންނަން ޖެހޭ މިންގަނޑުތައް:

  • 35 އަހަރުން މަތި (ސެޕްޓެންބަރު 1، 2022 އަށް 35 އަހަރު ފުރިފައި)- 1300 ލަފުޒާއި 1500 ލަފުޒާދެމެދެވެ.
  • 35 އަހަރާއި 18 އަހަރާ ދެމެދު (ސެޕްޓެންބަރު 1، 2022 އަށް 18 އަހަރުފުރި، 35 އަހަރު ނުފުރޭ)- 1000 ލަފުޒާއި 1300 ލަފުޒާދެމެދެވެ.
  • 18 އަހަރާއި 14 އަހަރާއި ދެމެދު (ސެޕްޓެންބަރު 1، 2022 އަށް 14 އަހަރު ފުރި، 18 އަހަރު ނުފުރޭ)- 1000 ލަފުޒާއި 1200 ލަފުޒާދެމެދެވެ.
  • 14 އަހަރުން ދަށް (ސެޕްޓެންބަރު 1، 2022 އަށް 14 އަހަރު ނުފުރޭ)- 600 ލަފުޒާއި 800 ލަފުޒާދެމެދެވެ.

މި މުބާރާތަށް މަޒުމޫނު ފޮނުވާ އިރު، ކޮންމެ ބައިވެރިއަކު ފޮނުވާ މަޒުމޫނާއެކު އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފޮނުވަން ވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުންނާއި މަޖިލީހުގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ މަޒުމޫނުތައް އިންސާފު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަމަށް ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުން ކމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެގޮތުން މި މުބާރާތަށް ހުށަހަޅާ މަޒުމޫނު ލިޔެފައި ހުންނަންވާނެ ގޮތްތައް ހާމަ ކުރަމުން އެ އިދާރާއިން ބުނީ، މަޒުމޫނު ލިޔާނީ ލިޔުންތެރިކަމުގެ ތެރޭގައި ހިމެނޭ މަޒުމޫނު ލިޔުމުގެ އެކިއެކި ވައްތަރުތައް ކަމުގައިވާ ސިފަކުރާ މަޒުމޫނާއި އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޭ ގޮތް ހާމަކުރާ މަޒުމޫނު، މި ވައްތަރުތަކަށް ކަމަށެވެ. މި މުބާރާތުގައި މަޒުމޫނު ލިޔާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވާ މައިގަނޑު ތީމުގެ މައްޗަށް އެބައިވެރިއަކު އަމިއްލައަށް ކަނޑައަޅާ މައުލޫއަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

މުބާރާތަށް ހުށަހެޅޭ މަޒުމޫނެއްގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި، މުޖްތަމައުގެ އާންމު އަހްލާގީ މިންގަނޑުތަކާއި ތައާރުޒުވާ ބަސްބަހާއި މައުލޫމާތު ހިމެނިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ނެރެފައިވާ މި މަޒުމޫނު މުބާރާތުގެ އުސޫލުގައި ބުނެއެވެ. މަޒުމޫނު ލިޔަންވާނީ ދިވެހި ބަހުން ކަމަށާއި މަޒުމޫނު ލިޔަނީ ލިޔުންތެރިކަމުގެ ކޮން ބާވަތެއްގެ މަޒުމޫނެއްކަން މަޒުމޫނުގެ މައިގަނޑު ނަމާ އެކު އޮންނަން ވާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. މަޒުމޫނުގެ ފަހަތުގައި މަޒުމޫނު ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، އުފަން ތާރީހް އަދި އެޑްރެސް ޖަހަން ވާނެއެވެ.

މަޒުމޫނުގެ ކޮންމެ ސަފުހާއެއްގައި ސަފުހާ ނަންބަރު ޖަހަން ވާނެ ކަމަށައި ހުށަހަޅާ މަޒުމޫނަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ މަޒުމޫނަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ. ހުށަހަޅާ މަޒުމޫނަކީ މުބާރާތުގައި ބައިވެރިވާ ފަރާތުގެ އަމިއްލަ އިބާރާތުން ލިޔެފައިވާ އެއްޗެއްކަމުގައި ވާންޖެހޭ އިރު، އާންމު މައުލޫމާތު ފިޔަވައި މަޒުމޫނުގައި ތަފާސްހިސާބު ބަޔާންކުރާ ނަމަ، ތަފާސްހިސާބު ނެގި ލިޔުމަށް ޙަވާލާދޭން ވާނެކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ. މަޒުމޫނުތައް ހުންނަންޖެހޭނީ ކޮމްޕިއުޓަރުން ޓައިޕު ކޮށްފައި، ފަރުމާ ފޮންޓުގައި އަކުރު ސައިޒު 14 ގައެވެ. ދެލި ކުލައަކީ ކަޅު ކަމަށާއި މަޒުމޫނުގެ ދެ ފޮޅުވަތުގެ ދޭތެރޭގައި 1.5 ހުންނަންވާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.

މި މުބާރާތަށް މަޒުމޫނު ހުށަހަޅާއިރު، ޕީޑީއެފް ފައިލަކާއި ވޯޑު ފައިލު ހުށައަޅަން ވާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އިންސާފު ކުރުމަށް ބޭނުން ކުރާނީ ޕީޑީއެފް ފައިލް ކަމަށާއި އަދި ވޯޑްފައިލް އަދި ފީޑީއެފް ފައިލުގައި އެއްވެސް ކަހަލަ ފެންމާކަރެއް ނުވަތަ ރަމްޒެއް ނުވަތަ ނިޝާނެއް ބޯޑަރެއް ނުވަތަ ފާހަގައެއް ނުވަތަ އެ ނޫން ވެސް އެފަދަ އެއްވެސް އެއްޗެއް ހުރެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.

މި މުބާރާތަށް ހުށަހެޅޭ މަޒުމޫނުތަކުގެ ތެރެއިން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދެވޭނެއެވެ. އެގޮތުން ހޮވޭނެ ވަނަތަކާއި ފައިސާގެ އިނާމުގެ ތަފްސީލަށް ބަލާއިތރު، ކޮންމެ އުމުރު ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވަން ވަނީ ނިންމާފައެވެ. އެ ގޮތުން އެއްވަނަ އަށް 2000 ރުފިޔާ ދޭން ނިންމާފައިވާ އިރު، ދެވަނަ އަށް 1500 ރުފިޔާ އަދި ތިން ވަނަ އަށް 1000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. ހަމައެއާއެކު މުޅި މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 5000 ރުފިޔާ ދޭން ނިންމާފައިވާ އިރު، ދެވަނައަށް 4000 ރުފިޔާ އަދި ތިން ވަނައަށް 3000 ރުފިޔާގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.