ރ. ދުވާފަރު ކައުންސިލުގެ ބަޖުޓުން އެ އިދާރާގެ ބައެއް މެންބަރުންނާއި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު މޮނިޓަރިން ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފު 34 މައްސަލަ ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ވަނީ ލަފާދީފައެވެ.

އެ ރިޕޯޓުގައި ވާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ސެޕްޓެންބަރު 16، 2021 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެންބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ޒުހުދާއާ ހަވާލުކުރި ފައިސާ ލިބެންވީ ފަރާތްތަކަށް ދީފައިވާކަން އެއްވެސް ލިޔެކިޔުމަކުން ކަށަވަރު ކުރެވެން ނެތް ކަން އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެލްޖީއޭގެ ރިޕޯޓުގައިވާ ގޮތުން މެއި 17، 2021 އިން ފެށިގެން އެ މަހުގެ ނިޔަލަށް އަމިއްލަ އެކައުންޓަށް އެއްވެސް ލިޔެކިޔުމެއްނެތި ޖަމާކޮށްފައިވާ ފައިސާ އެންމެ ގިނަ އަދަދަކަށް ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. އޭނާގެ އެކައުންޓަށް 711،617 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލް މެންބަރު މުހައްމަދު ޝާމްގެ އެކައުންޓަށް 447،837 ރުފިޔާ ޖަމާކޮށްފައިވާއިރު ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަހުމަދުގެ އެކައުންޓަށް 237،548 ރުފިޔާ ޖަމާކޮށްފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން އިޒްމީލަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާއާއެކު ޖުމްލަ 252،048 ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި ކައުންސިލް މެންބަރު ޒުހުދާ އާދަމް އަށް 181،666 ރުފިޔާ، ސެކެޓްރީ ޖެނެރަލް މުހައްމަދު ނާސިހް އަށް 165،200 ރުފިޔާ، ކައުންސިލް މެންބަރު އަހުމަދު ސަމޫހް އަށް 128،696 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކައުންސިލް މެންބަރު އައިމިނަތް ސަލާހްއަށް 119،535 ރުފިޔާ ލިބިފައިވާ ކަމަށް އެލްޖީއޭއިން ހާމަކުރެއެވެ.

މީގެ އިތުރުން ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި ކޮންޓްރެކްޓް މުވައްޒަފަކާއި އިތުރު ކައުންސިލް މެންބަރެއް އަދި ސަޕޯޓް ސްޓާފަކަށް ފައިސާ ލިބިފައިވާއިރު ފައިސާ ހަރަދުކުރަން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށްކަމަށާއި ބިލްތައް ހުށަހަޅާފައި ނެތްކަމަށާއި ހުށަހަޅާފައިވާ ބިލްތައް އެއްވެސް ވަރަކަށް ރިކޮންސައިލް ކޮށްފައި ނުވާ ކަމަށް އެލްޖީއޭއިން ބުނެއެވެ.