ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ މިއަހަރުގެ ޖޫންމަހުގެ 30ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22ވަނަ ޖަލްސާއިން ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ގާނޫނަކީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރުހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ދިރޭ ތަކެއްޗާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ގައުމީ ފެންވަރުގައި ތަންފީޒުކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭ ކަމަށެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.