އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ ނުސީދާ އިންޒާރު ހޯމް މިނިސްޓަރު އަދި އަދާލަތުގެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެއްވައިފިއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިނގާ ވީޑިއޯތަކެއް ލީކްކޮށްލާފައިވާ ވަގުތެއްގައެވެ.
އިމްރާން ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދާ، ﷲގެ ކޯފާ ގައުމަށް ހުށަހެޅޭ ފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯ މައްޗަށް ތަކުރާރުވާން ފެށުމުން ފިޔަވަޅު ނާޅުއްވައި ދޫކޮށް ނުލައްވާނެ ކަމަށެވެ.
ދީނަށް ފުރައްސާރަކުރި އަދި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ލީކުވެފައިވާ މީހުންނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅާ، ސަރުކާރުގެ ހިމާޔާތުގައި ތިބޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަދާލަތާއި އިމްރާނާ މެދު ނުރުހުން ފާޅު ކުރަމުންނެވެ.
މީގެ އިތުރުން ހާއްސަ ގޮތެއްގައި ޔޯގާއާ ދެކޮޅަށް ނުކުތް އިލްމުވެރިން ބަންދުގައި ބައިތިއްބާފައި ލިވާތު ކުރި ކަމަށް ބުނާ މީހުންނާމެދު ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ އަދަދެއްގެ އިލްމުވެރިން ގެންދަވަނީ ސީދާ އިމްރާނަށް ފާޑު ވިދާޅުވަމުންނެވެ.
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ހައްޔަރުކުރި ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައެވެ. އެކަމުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލަ ނުހިމެނެއެވެ.
އަލަމްގިރި ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ. ނަމަވެސް ކާނަލް ވިދާޅުވެފައި ވަނީ އޭނާ އެ ކޮޓަރި (ލިވާތު ކުރި ކޮޓަރި) އަށް ވަޑައިގެންނެވި ކަމަށާއި ވަޑައިގަތީ ބިޒްނަސް މީޓިން އަކަށް ކަމަށެވެ.
އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ. މި މައްސަލައިގައި އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.