މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވުން ދޭހަވަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތް ކަން ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭއިން ބުނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް އިއްޔެ އެ ބިލު ތަސްދީގު ކުރެއްވުމުން އެކަން ކުށްވެރިކުރާ ކަމަށެވެ.

ހެއްކާބެހޭ ބިލު ތަސްދީގު ކުރެއްވުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށް އެމްޖޭއޭއިން ބުނެއެވެ.

އެ ކަމުން އެނގިގެންދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ކަމަށާއި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްގައި ކަމަށް އެމްޖޭއޭއިން ސިފަކުރެއެވެ.

ބިލުގެ އެ މާއްދާ އިސްލާހު ކުރުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެމްޖޭއޭ އިން ވަނީ ދީފައެވެ.