ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 6 މީހަކު ދޫކޮށްލައިފިއެވެ.

ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅި މައްސަލައިގައި 21 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިން ކަމަށްވާ، ޝެއިހް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ވެސް ހިމެނެއެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ހިމެނޭ ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މައުސޫމް (40އ)އެވެ.

ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އެއްވުމެއްވެސް ވަނީ ބާއްވާފައެވެ.