ޕާކިސްތަނުގެ ޕްރޮވިންޝަލް މަޖިލީހަށް މެންބަރުން އައްޔަން ކުރުމަށް ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގައި ބޮޑު ކާމިޔާބީއެއް ހޯއްދަވާ، އެ ގައުމުގައި އަވަސް އިންތިހާބެއް ކުރިއަށް ގެންދިއުމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަނެއްކާވެސް ގޮވާލައްވައިފިއެވެ.

މުހިންމު އިންތިހާބެއް ކަމުގައި ބަލާ ޕްރޮވިންޝަލް ބައި އިލެކްޝަންގައި، އިމްރާންގެ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) އިން ވަނީ، ޕަންޖާބުން ހުސްވެފައިވާ 20 ގޮނޑީގެ ތެރެއިން 15 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޕީޓީއައިގެ ވާދަވެރި ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ވަނީ އަމިއްލަ ވަޒަނުގައި ބަލިވެފައެވެ.

މި ނަތީޖާއަކީ އޮކްޓޯބަރު 2023ގައި ކުރިއަށް ގެންދަން ތާވަލު ކޮށްފައި ވާ ޕާކިސްތާނުގެ އާންމު އިންތިހާބުގެ ކުލަވަރު ދައްކާލި ނަތީޖާއެއް ކަމަށް ސިފަކުރެއެވެ.

މި ނަތީޖާއަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝަހްބަޒް ޝަރީފާއި އޭނަގެ ކޯލިޝަން ސަރުކާރަށް ލިބުނު ބޮޑު ދެރައެކެވެ. ނަމަވެސް، ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށް ވާ ޕަންޖާބަކީ މީގެ ކުރިން، ޕީއެމްއެލް-އެންއަށް ތާއީދު ކުރަމުން ދިޔަ ސަރަހައްދެކެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން، ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރީ އޭޕްރިލް 2022 ގައެވެ.

ޕަންޖާބުގައި ބޮޑު ކާމިޔާބީއެއް ލިބިފައި ވާ އިރު، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް ދެވެން އޮތް ހަމައެކަނި ގޮތަކީ މިނިވަން އަދި ދެފުށް ފެންނަ އިންތިހާބެއް ބޭއްވުން ކަމަށެވެ. އިތުރު އެހެން މަގަކުތަކުން ކުރިމަތިލާންޖެހޭނީ ސިޔާސީ ޔަގީންކަން ކުޑަވުމާއި އިތުރު އިގުތިސޯދީ ތަކުލީފުތަކާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނުގެ އިގުތިސޯދަށްވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އަނދަވަޅަކަށް ވެއްޓުމުން ސަލާމަތް ވުމަށްޓަކާ، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށް، އާންމު ދިރިއުޅުމުގެ އާދަކާދައަށް ބުރޫތަކެއް އަރާފައި ވާ ދަނޑިވަޅެކެވެ.