ކ. ދިއްފުށީގައި ކުއްޖަކާއި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އާންމުން އެއްވެ، މީހަކަށް އަނިޔާ ކުރަމުންދަނިކޮށް އޭނާ ސަލާމަތް ކުރަން އުޅުނު ފުލުހުންނަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހުންނަށް ހަމަލާ ދިން މައްސަލާގައި ތުހުމަތުގައި މިމަހު 14 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބެމުންދިޔަ މީހާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ އަހުލަގީ މިންގަނޑުން ބޭރުން އަމަލު ބަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ ތުހުމަތު ކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ޕްރޮފޭޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން ބަލަމުންދާ ކަމަށެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އާންމުން އަނިޔާކުރި މީހާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ވެފައެވެ. އޭނާގެ މޫނު މަތި ދުޅަވެފައި ވާއިރު އެނާގެ ވާތު ލޮލަށް ވެސް ވަނީ ގެއްލުން ވެފައެވެ.
މިމައްސަލާގައި އަނިޔާ ލިބުނު މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި އެ މީހާ ބުނީ ވަނީ އޭނާއަށް އަނިޔާ ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށެވެ. ނަމަވެސް ހުއްޓުވަން ފުލުހުން ވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެ ތަނުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ފުލުހުން ވެސް އަނިޔާ ކުރި ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.