ގދ. ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު އޮޑިއެއްގައި ހުޅު ހިފައި، މުޅިންހެން އަނދައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު އޮޑިއެއްގައި އަލިފާން ރޯވެ އެ ސަރަހައްދުން ވަރަށް ބޮޑަށް އެބަ ދުން އަރައެވެ. ދުންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ އިރު އެ ސަރަހައްދުގައި ބައެއް އާންމުން ވެސް ހަރަކާތްތެރި ވަމުން ދިޔައެވެ.

"ދަ ޕްރެސް" އިން ސުވާލުކުރުމުން، ގައްދޫގެ ކައުންސިލަރު އާމިނަތު ފަރުހާނާ ވިދާޅުވީ، އެ ރަށުގައި ބަންނަމުން ދިޔަ އެ އޮޑީގައި ބޮޑުބައި ވަނީ އަނދައިގެން ގޮސްފައި ކަމަށެވެ. ފަރުހާނާ ވިދާޅުވި ގޮތުގައި، ބަންނަމުން ދަނިކޮށް އަލިފާން ރޯވެ، އަނދާފައިވާ އޮޑީގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

"ފިނިޝިން މަސައްކަތް އޭގަ ކުރަނީ ވެސް، އެހާވަރު ވެފަ ހުރީ."
ފަރުހާނަ

އެ ހާދިސާ ހިނގިތާ ގަޑިއިރަކަށް ވުރެ ގިނައިރު ވެއްޖެ ކަމަށާއި، ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ހަވީރު 4:47 ކަމަށް، އޭނާ ވިދާޅުވިއެވެ.

ފަރުހާނާ ވިދާޅުވީ، މީގެ 15 މިނެޓު ކުރިން އަލިފާން އެއްކޮށް ނިވާލެވިއްޖެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ފެން ޖެހުމުގެ މަސައްކަތް ކަމަށެވެ.