ށ. ޅައިމަގާއި ޅ. ހިންނަވަރު އަދި ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިމަހު 14 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 ޕަސަންޓް ނިމިފައިވާއިރު ހާބާ ޕޭވަމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ހަމައެހެންމެ ހިންނަވަރު ބަނދަރު ތަަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާއިރު މިހާރު ކުރިއަށް ދަނީ ގްރޮއިން ޖެހުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށިލުމާއި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން އަދި 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ. އެ މަޝްރޫއަކީ 53.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ..