ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު އަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލް ތަސްދީގް ކުރެއްވުމާއެކު ހައިކޯޓުގެ ދެކުނާއި އުތުރު ގޮފި އުވިއްޖެއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 27 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މިގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، ހައިކޯޓުގެ ފަނޑިޔާރުން ގާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލާ އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރުން ކަމަށެވެ.

އަދި ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދިނުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ހަވާލުކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިގާނޫނު ތަސްދީގުކުރެއްވުމާއި އެކު މިއަދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.