ކުޑަގިރި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހެދުމަށްޓަކައި އެތަނުގެ މާސްޓާޕްލޭން އެކުލަވާލީ އެޗްޑީސީގެ ޕްލޭނިން ޑިޕާޓްމަންޓުންނެވެ.
އެ ޕްލޭންގެ ދަށުން އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުން ދާއިރު ހަޓުތަކާއި ފާހަނާ ބަރި ފަދަ ތަންތަން ވަނީ އެ ޕްލޭންގެ ދަށުން ހަދާ އަދި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުޅިވަރު ކުޅޭނެ ތަންތަން ގާއިމްކުރުމަށްވެސް އެޗްޑީސީއިން ޕްލޭން ކޮށްފައެވެ.
މާސްޓާ ޕްލޭންގެ ދަށުން ޔުޓިލިޓީ ހިދުމަތްތައް ގާއިމްކުރުމުގެ ޕްލޭން އެކުލަވާލައި އެސްއޯއީތަކާ ގުޅިގެން އެ މަސައްކަތް އެޗްޑީސީއިން ކުރަމުން ދާއިރު ފެނާއި ނަރުދަމާއާއި ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކުރުމުގެ އިތުރުން ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ވަނީ ރާވާފައެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެ ގޮތާއި މިފަދަ ޕްލޭންތަކަކަށްވެސް އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން ދަނީ ކުރެވެމުންނެވެ. އަދި ލައިފް ގާޑް ހަޓްތަކުގައި ސާޗް ލައިޓް ލުން ފަދަ ކަންތައްތައް ވަނީ ކޮށްފައެވެ.
މީގެ އިތުރުން އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭންވެސް އެޗްޑީސީއިން ޑިޒައިން ކޮށްފައި ވާއިރު ސްމާޓް އިންފްރާސްޓްރަކްޗާ ޓީމުން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނަންޓްތައް ގާއިމްކުރުމަށާއި ނެޓްވޯކް އަދި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް ޑިވައިސްތައް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން އިތުރަށް ބުނީ ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު އާއިލާއާއެކު ދަތުރުގޮސްލައި ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް ކުޑަގިރި ވެގެންދާނެ ކަމަށެވެ.