ކ.މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރި ދެ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

ސެޕްޓެމްބަރު 22، 2019 ގެ 2:20 ހާއިރު މާފުށީ ޖަލު ސަރަހައްދަށް ވަދެ, މާފުށީ ޖަލަށް ހުއްދަނެތި ވަނުމަށް މަސައްކަތްކުރި ރ. މަޑުއްވަރީ ފެހިއަލި, އިސްމާއީލް ހައްމާދާއި ނ. މަނަދޫ ކެރީބިއަން, އިބްރާހިމް ޖަޒްލާންގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެފައެވެ.

އެހެންނަމަވެސް އެ މީހުން ވަނީ ދުވަހަކު ވެސް "އެކަހަލަ" ކުށަކަށް އަރައިގެންފައި ނުވާނެ ކަމަށް ބުނެ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެ މައްސަލާގެ ހުކުމުގައި ބުނެފައި ވަނީ އެ ރޭ މަނާ ތަކެތި ޖަލަށް ވައްދަން ބަޔަކު އުޅޭކަމުގެ މައުލޫމާތު އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން ޕްރިޒަން އޮފިސަރުން ހަރަކާތްތެރިވަމުން ދަނިކޮށް އެ ސަރަހައްދަށް ކައިރިކުރި ޑިންގީ އަކުން ހައްމާދު އާއި ޖަޒުލާން މޫދަށް ފައިބައިގެން ގޮސް ޖަލަށް ވަންނަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުންނަށް އެ ދެމީހުން ފެނުމުން އެ މީހުން ދުވެފައި ގޮސް އެ ސަރަހައްދުގެ މޫދަށް އެރި ފިލަން މަސައްކަތް ކުރި ކަމަށާއި ހައްމާދު އަތުލައިގަތީ މާ ދުރަށް ނުދެވެނީ ކަމަށާއި އެހެންނަމަވެސް ޖަޒުލާން އަތުލައިގަތީ ތަންކޮޅެއް ބޭރުން ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ އެ ވާހަކަތައް ސާބިތުކުރުމަށް ޕްރިޒަން ދެ އޮފިސަރުންނާއި ތިން ފުލުހަކު ހެކިންގެ ގޮތުގައި ހުށަހެޅާފައިވާއިރު ހެކިން ބުނެފައި ވަނީ ހައްމާދު އަތުގައި އޮތް ދަބަހުން ގިނަ އަދަދެއްގެ ސާމާނު ފެނުނު ކަމަށާއި އޭގެ ތެރޭގައި ފޯނާއި ޗާޖަރާއި ވަޅީގެ އިތުރުން ކީސް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކުުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ހައްމާދު ތަންފީޒު ކުރަން ޖެހޭނީ 4 މަހާއި 6 ދުވަހެވެ. އަދި ޖަޒްލާން ތަންފީޒުކުރަން ޖެހޭނީ 4 މަހާއި 14 ދުވަހެވެ. ޖަޒްލާންގެ އަދަބު ވަނީ ބަދަލުކޮށް 53600 ރުފިޔާގެ ޖޫރިމަނާ މި މަހުގެ 6 އިން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން އަންގާފައެވެ.