ރާއްޖޭގެ ރަށްތައް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް އެންވާރްމަންޓް މިނިސްޓްރީން ކޯސްޓަލް އެނަލިސްޓެއް ހޯދަން އިއުލާންކޮށްފިއެވެ.
މިނިސްޓްރީގެ ބުނީ އެ މަގާމުގައި ހުރެ ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުމުގެ މަސައްކަތްތައް ކުރުމާއި ރަށް ގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވެ ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫއުތައް ރާވާ، ބޭރުގެ ފަރާތްތަކާއި ގުޅިގެން އެކަމަށް ފައިސާ ހޯދުމަށް މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާގުޅޭ ގާނޫނު ތަންފީޒުކުރުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ގުދުރަތީ ގޮތުން އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހެހޭ ފިޔަވަޅުތައް އެޅުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރަށްތައް ގިރުމުން ހިމާޔަތްކުރުމާއި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި،އިރުޝާދުނާމާތަކާއި ޕްލޭންތައް ހެދުމުގެ މަސައްކަތްތައް ކުރުމާއި ކޯސްޓަލްޒޯން ހިމާޔަތްކުރުމާއި ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމަކީ އެނަލިސްޓުގެ ޒިންމާއެއް ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތައް ދިރާސާކުރުމަށްޓަކައި ދިރާސާ ދަތުރުތައް ރާވައި ދަތުރުތަކުގައި ބައިވެރިވެ އަދި ދިރާސާ ރިޕޯޓު ތައްޔާރުކުރުމާއި ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުގައި ހިންގާ މަޝްރޫއުތަކާއި ބެހޭ މައުލޫމާތު އެއްކުރުމާއި ޑޭޓާބޭސް މެނޭޖްކުރުމާއި ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީއާއި ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކުރުމާއި ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ ސްކޯޕީން މީޓީން ތަކުގައި ބައިވެރިވުމަކީ ވެސް އެ އެނަލިސްޓުގެ ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ.
މިނިސްޓްރީއިން އިތުރަށް ބުނީ އެ ވަޒީފާއަށް ކުރިމަތިލެވޭނީ މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އެ ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށެވެ.