އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށް ވާ ލަކްނޯގައި ދާދި ފަހުން ހުޅުވި ބޮޑު މޯލްއެއްގައި ދީނީ އަޅުކަން ކުރުން މަނާ ކޮށްފިއެވެ.

ލޫލޫ މޯލްގައި ދީނީ އަޅުކަން ނުކުރެވޭ ގޮތަށް ނިންމާ، އެކަން އިއުލާން ކުރީ، އަލަށް ހުޅުވި މޯލް އިމާރާތުގައި ބަޔަކު ނަމާދު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލް ވި ހިސާބުންނެވެ. ނަމާދު ކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ކަނާތު ފިޔައިގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ހިންދޫންގެ ދީނީ ޝިއާރު ފާޅު ކުރުމުގެ ހަރަކާތްތައްވެސް މޯލްގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައި ވެއެވެ.

މޯލްގައި ނަމާދު ކުރި ގުރޫޕެއްގެ މައުލޫމާތު ރެކޯޑްކޮށް، ގުރޫޕުތަކުގެ މެދުގައި ނަފުރަތު އުފައްދާ، ދީނީ ޖަޒުބާތާ ކުޅެން އުޅުނު ކަމުގެ ކުށުގެ ދައުވާ، އެމީހުންނާ ދެކޮޅަށް އުފުލާފައި ވާ ކަމަށް ހަބަރު ލިބެއެވެ. ފުލުހުން އެ މައްސަލަ ބަލަން ފެށީ ލޫލޫ މޯލްގެ މަންދޫބުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެގޮތުން، މޯލްގައި ނަމާދު ކުރި މީހުންނަކީ އެ މޯލްގެ މުވައްޒަފުން ނޫން ކަމަށް ބުނެ، މޯލްގެ މަންދޫބުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.

މުސްލިމުން ނަމާދު ކުރުމުން، ހިންދޫއިން އެމީހުންގެ ދީނީ ޝިއާރު ފާޅު ކުރުމަށް މޯލްއަށް ވަންނަން މަސައްކަތް ކޮށްފައި ވާ އިރު، ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ކުރިން އެ ސަރަހައްދުގައި ފުލުހުންގެ ސަފުތައް ރުކުރުވާ، ކާފިއު އިއުލާން ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

މޯލް ތެރޭގައި ހިންދޫންގެ ޝިއާރު ފާޅު ކުރަން މަސައްކަތް ކުރި 3 މީހަކު ހައްޔަރު ކުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ލޫލޫ މޯލްގެ ޖެނެރަލް މެނޭޖަރު، ސަމީރު ވަރުމާ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ލޫލޫ މޯލްއަކީ ހުރިހާ ދީނަކަށް އިހުތިރާމް ކުރާ މޯލްއެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ މަސައްކަތެއް ނުވަތަ އަޅުކަމެއް އެ މޯލް ތެރޭގައި ކުރިއަށް ގެންދިއުމުގެ ހުއްދައެއް ނޯންނާނެ ކަމަށާ، އެފަދަ ކަންކަމަށް ފާރަވެރިވުމަށް އެ މޯލްގެ މުވައްޒަފުން ތަމްރީނު ކޮށްފައި ވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މުސްލިމުން ނަމާދު ކުރާ މަންޒަރު ފެނުނު ވީޑިއޯއާ ގުޅިގެން ދީނީ އަޅުކަން ކުރުން މަނާ ކުރި މޯލްއަކީ، މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަރަކާތްތަކެއް ހިންގާފައި ޗީފް މިނިސްޓަރު އަދިއްތިޔަނާތު، މިދިޔަ އާދީއްތަ ދުވަހު ހުޅުވައިދިން މޯލްއެކެވެ. އަބާދާބީގައި މަރުކަޒު ކޮށްފައި ވާ ލޫލޫ ގުރޫޕޫގެ ވެރިއަކީ، އިންޑިއާ ދަރިކޮޅު މަހުޖަނު، ޔޫސުފް ޢަލީ އެމް އޭ ކަމަށް މައުލޫމާތު ލިބެއެވެ.