ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. އެމަނިކުފާނު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި މާލެއަތޮޅު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއިން ގުޅިގެންނެވެ.

ބޮޑީބިލްޑިން މުބާރާތް ފެށުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހު / ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ، މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް މާފުށީގައި ކަމަށެވެ.

ބައިނަލްއަގްވާމީ މި މުބާރާތަކީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަންއެވެ. މިފަހަރުގެ މުބާރާތުގައި 24 ގައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބޮޑީބިލްޑިން މުބާރާތް ފެށުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ރައީސް ސޯލިހު / ފޮޓޯ: ރައީސް އޮފީސް

މިރޭ ބޭއްވި ހުޅުއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭބީބީއެފް) ގެ ފަރާތުން ރައީސް ސޯލިހު ވަނީ ހަނދާނީ ފިލައެއް ވެދުމަަށް އަރުވާފައެވެ.

ބައިނަލްއަްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.