ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ސޯލިހު އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭގައެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ރައީސް ސޯލިހު އެންމެފަހުން ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ނުރަސްމީ ދަތުރުފުޅެއްގައި 2019 ވަނަ އަހަރު ރައީސް ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.