ގުއަޓަމާލާގެ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފިއެވެ.

1973 އިން ފެށިގެން ބައިނަލްއަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށް ގުއަޓަމާލާ އިން ދެމުން ގެންދާ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ޝާހިދަށް އަރުވާފައި ވަނީ ގުއަޓަމާލާގެ ވެރިރަށް ގުއަޓަމާލާ ސިޓީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ނިސްބަތްވަނީ އެ ގައުމުގައި އުފެދުނު މަޝްހޫރު އެއް ސިޔާސީ ލީޑަރެއް ކަމަށްވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އަލޮންސޯ އަށެވެ.

އދ. ގެ އާންމު މަޖިލިހުގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝާހިދަށް ގުއަޓަމާލާ އިން އެ އިއްޒަތް އަރުވާފައި ވަނީ ހާރިޖީ ދާއިރާގައި އެމަނިކުފާނު ކުރައްވާފައިވާ ހިދުމަތްތަކާއި، އދ. ގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އެގޮތުން، ކޮވިޑުން އަރައިގަތުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ޒުވާނުންނަށް ފުރުސަތު ހޯއްދަވައިދެއްވުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިމެނެއެވެ.

ގުއަޓަމާލާގެ އިތުރުން، ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް ކަމަށްވާ ދަ ޑުއާޗޭ، ސަންޗޭޒް އެންޑް މެލާ އޯޑާ އޮފް މެރިޓް މިދިޔަ މަހު ޝާހިދަށް އަރުވާފައިވާއިރު، މިދިޔަ އޮކްޓޯޯބަރު މަހު ދައުލަތުން ވަނީ ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް އަރުވައިފައެވެ.