ސިނަމާލެ ބްރިޖަށް އަރާ ހައިވޭއަށް އުދަޔާ އެކު ވެއްޔާއި އަކިރި އަރާފައި ވާތީ ހުޅުމާލެއިން މާލެއަށް އަންނަ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނީ، އުދަޔާ އެކު ވެއްޔާއި އަކިރި އަރާފައި ވަނީ ހުޅުލެއިން ހައިވޭ މަގަށް ނިކުމެވެން އިންނަ ލައިޓް ކައިރިއަށް ކަމަށެވެ. އަދި އެ ސަރަހައްދަށް ވެއްޔާއި އަކިރި އަރާފައި ވަނީ ހުޅުލެއާއި ހުޅުމާލެއިން މާލެއަށް ދަތުރުކުރެވޭ ފަޅިއަށް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެ ފަޅިން ދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި މާލެއަށް އަންނަނީ އުދައިގެ އަސަރު ކުރަމުންނެވެ. އެގޮތުން ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭ އާއި ސިނާއީ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އިންޑަސްޓްރިއަލް ޒޯން ފަދަ ސަރަހައްދުތަކަށް އުދައިގެ އަސަރު އަންނަނީ ކުރަމުންނެވެ.
ހައިވޭ އަކީ ގިނަ ބަޔަކު ދަތުރު ކުރާ މަގަކަށް ވެފައި އެ ސަރަހައްދުން ބައެއް މީހުން ސްޕީޑްގައި ދަތުރު ކުރާތަން އަންނަނީ ފެންނަމުންނެވެ. އަދި މާލޭ ސަރަހައްދުގައި އެންމެ ގިނައިން އެކްސިޑެންޓްތައް ވެސް ހިނގާ އެއް ސަރަހައްދަށް ވެފައި ވަނީ ސިނަމާލެ ބްރިޖާއި ހައިވޭ މަގެވެ.
މި ފަދަ އެކްސިޑެންޓްތައް ވުން މަދު ކުރުމަށް ކޮންމެ ފަރުދަކު ވެސް ގަވާއިދާ އެއް ގޮތަށް ސްޕީޑް ލިމިޓެއްގައި ބަހައްޓައިގެން ދުއްވުމާއި، އޯވާ ޓޭކް ނުކުރުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދުތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. މި ގޮތަށް ހިންގާ އެކްސިޑެންޓްތަކުގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ވެފައި އަދި ބައެއް މީުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.