ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާ ދެކޮޅަށް ރާއްޖޭގައި އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި އިއްޔެ ބޭއްވި މި އިހުތިޖާޖުގައި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ފުލުހުން ބުނީ މާލޭގައި އިއްޔެ ލަންކާ މީހުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލަންކާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރި ކަމަށެވެ. އަދި ޝަރުތުކުރުމަށްފަހު ކޯޓުން އެ މީހާ ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.

އިއްޔެ އޮތް އިހުތިޖާޖުގައި ގޮތަބަޔާ އަށް ރާއްޖޭން ހިމާޔަތް ނުދިނުމަށް ބައިވެރިން ގޮވާލިއެވެ. އަދި ގޮތަބަޔާ އަނބުރާ ލަންކާ އަށް ފޮނުވާލުމަށް ވެސް ބައިވެރިން ގޮވާލިއެވެ.

މި އިހުތިޖާޖު ރާއްޖޭގެ ފުލުުހުން ވަނީ ރޫޅާލައި، އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނު ބެނާތަކާއި ޕޯސްޓަރުތައް އަތުލާފައެވެ.

ދިވެހިރާއްޖޭގައި ފިއްލަވައިގެން ހުންނެވުމަށް ފަހު ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސައުދީ އެއާލައިންސްގެ ބޯޓެއްގައި މިއަދު ވަނީ ފުރާވަޑައިގެންފައެވެ.

ގޮތަބަޔާ ރާއްޖެ ދޫކުރައްވާ ހެނދުނު 11:27 ގައި ފުރި ސައުދީ އެއާލައިންގެ SV788 އިން ސިންގަޕޫރަށް ވަޑައިގަތުމަށް ދަތުރު ފަށްޓަވާފައި ވާއިރު އެ ދަތުރަށް ޓިކެޓު ދޫކޮށްފައި ވަނީ އެ އެއާލައިންގެ ޖިއްދާގައި ހުންނަ އޮފީހުން ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.

ގޮތަބަޔާ އެއާޕޯޓަށް ވަޑައިގަތުމަށް ދަތުރު ކުރައްވާފައި ވަނީ އިތާފުށީގެ ލޯންޗެއްގައި ކަމަށް ވާއިރު އެ ލޯންޗު ދަތުރުކުރި އިރު އެ ލޯންޗަށް އެމްއެންޑީއެފްގެ ދެ އުޅަނދަކުން ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި އެއާޕޯޓަށް ވަޑައިގެން ހުޅުލޭ އައިލެންޑް ހޮޓަލުގައި މަޑުކުރައްވައި ފުރާވަޑައިގަތީއެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވި ނަމަވެސް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.