ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާ ދެކޮޅަށް ރާއްޖޭގައި އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި އިއްޔެ ބޭއްވި މި އިހުތިޖާޖުގައި ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި އިހުތިޖާޖުގެ ތެރެއިން ލަންކާ މީހަކު ހައްޔަރުކޮށްފައި ވާއިރު އެމީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެއެވެ.

މި އިޖުތިޖާޖުގެ ތެރެއިން އެމީހާ ހައްޔަރުކުރި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ އޮތް އިހުތިޖާޖުގައި ގޮތަބަޔާ އަށް ރާއްޖޭން ހިމާޔަތް ނުދިނުމަށް ބައިވެރިން ގޮވާލިއެވެ. އަދި ގޮތަބަޔާ އަނބުރާ ލަންކާ އަށް ފޮނުވާލުމަށް ވެސް ބައިވެރިން ގޮވާލިއެވެ.

މި އިހުތިޖާޖު ރާއްޖޭގެ ފުލުުހުން ވަނީ ރޫޅާލައި، އިހުތިޖާޖުގެ ބައިވެރިން ގެންގުޅުނު ބެނާތަކާއި ޕޯސްޓަރުތައް އަތުލާފައެވެ.

ދިވެހިރާއްޖޭގައި ފިއްލަވައިގެން ހުންނެވުމަށް ފަހު ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސައުދީ އެއާލައިންސްގެ ބޯޓެއްގައި މިއަދު ވަނީ ފުރާވަޑައިގެންފައެވެ.

ގޮތަބަޔާ ރާއްޖެ ދޫކުރައްވާ ހެނދުނު 11:27 ގައި ފުރި ސައުދީ އެއާލައިންގެ SV788 އިން ސިންގަޕޫރަށް ވަޑައިގަތުމަށް ދަތުރު ފަށްޓަވާފައި ވާއިރު އެ ދަތުރަށް ޓިކެޓު ދޫކޮށްފައި ވަނީ އެ އެއާލައިންގެ ޖިއްދާގައި ހުންނަ އޮފީހުން ކަމަށް ވަނީ ހަބަރުތައް ފެތުރިފައެވެ.

ގޮތަބަޔާ އެއާޕޯޓަށް ވަޑައިގަތުމަށް ދަތުރު ކުރައްވާފައި ވަނީ އިތާފުށީގެ ލޯންޗެއްގައި ކަމަށް ވާއިރު އެ ލޯންޗު ދަތުރުކުރި އިރު އެ ލޯންޗަށް އެމްއެންޑީއެފްގެ ދެ އުޅަނދަކުން ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި އެއާޕޯޓަށް ވަޑައިގެން ހުޅުލޭ އައިލެންޑް ހޮޓަލުގައި މަޑުކުރައްވައި ފުރާވަޑައިގަތީއެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތީ، މިމަހު 12 ވަނަ ދުވަހުގެ ރޭ ދަންވަރު ލަންކާގެ އެއާފޯސްގެ ހާއްސަ ފްލައިޓެއްގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި މައްސަލަ ހޫނުވި ނަމަވެސް ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ގޮތަބަޔާ ފޯނުން އިސްތިއުފާ ދެއްވާފައި ވާއިރު އިސްތިއުފާގެ ރަސްމީ ސިޓީ ރޭ 12 ޖެހި އިރުވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރުދަނާ އަށް ލިބިވަޑައިގެންފައެއް ނުވެއެވެ.