އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
އަލަމްގިރި ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 3 ޖެހިއިރު މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓައެވެ. އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވަނީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.
އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.