ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރުތަކާއި މާލީ މުއާމަލާތްތަކުގައި އެންމެ އަގު ހުރި 2 ފައިސާ ކަމުގައި ބަލާ އެމެރިކާ ޑޮލަރާއި ވިލާތު ފައިސާ (ޔޫރޯ)، 20 އަހަރުގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް އެއް ހަމައަކަށް އަތުވެއްޖެއެވެ.

ބައިނަލްއަގުވާމީ މާލީ ބާޒާރުގައި 1 ޔޫރޯގެ އަގު މި ހާރު ހުރީ 1 ޑޮލަރަށެވެ. މިއާއެކު، ވިލާތުގެ ކުންފުނިތަކާއި މުދާ ގަންނަ ފަރާތްތަކުން މުދަލާއި ހިދުމަތް އިމްޕޯޓް ކުރުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވާނެއެވެ. އަދި ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވިލާތުގެ އުފެއްދުންތަކުގެ އަގު، ދަށަށް ދާނެއެވެ.

ފެބުރިއަރީ މަހުން ފަށައިގެން ޔޫރޯގެ އަގަށް ހީނަރު ބަދަލުތަކެއް ވަނީ އަންނަން ފަށާފައެވެ. އޭރު، ޔޫރޯއަކަށް، 1.13 ޑޮލަރު ޖެހެއެވެ. ފެބުރުއަރީ މަހަކީ ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ މަހެވެ. ޔޫކްރައިން ހަނގުރާމައާއެކު ވިލާތުގެ އިގުތިސޯދަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށް ދަނީ ލަފާ ކުރަމުންނެވެ.

މި ފަހަކަށް އައިސް ޔޫރޯގެ އަގު އިންތިހާއަށް ވެއްޓުނީ، ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމުތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ ފޯރުކޮށްދެމުން ދާ ރަޝިއާއިން، ވިލާތަށް ގޭސް ފޯރުކޮށްދިނުން މުޅިން ހުއްޓާލަފާނެ ކަމުގެ ބިރާއެކުގައެވެ. ރަޝިއާއިން އެފަދަ އިންޒާރުތައް ދެމުން ދަނީ ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ތަންފީޒު ކުރާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ރައްދުގައެވެ.

މިހާރު ހުރިހާ އެންމެންގެ ސަމާލުކަން ހެން ހުއްޓި ފައި ހުރީ، އެމެރިކާ ޑޮލަރަށް ވުރެ ޔޫރޯގެ އަގު ދަށަށް ހިނގައިނދާނެ ވަގުތަކަށް ފަރާވެރިވުމަށެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގީ ނޮވެމްބަރު 2002 ގައެވެ. އޭރު، ޔޫރޯއަކަށް ޖެހުނީ އެންމެ 0.99 ޑޮލަރެވެ. އޭގެ ޔޫރޯގެ އަގު އުފުލި، ހެޔޮ ބަދަލުތަކެއް ފެންނަމުން ގޮސް، 2008 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޔޫރޯއަކަށް 1.60 ޑޮލަރުވެސް ޖެހުނެވެ.