ގެއްލިގެން އުޅޭދޭ 2 ދުވަސް ވީ އިރުވެސް ހޯދަމުން ދިޔަ 17 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އާމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ ކުއްޖެކެވެ.

ފުލުހުން ބުނީ އެކުއްޖާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރީ މިމަހުގެ 10 ވަނަ ދުވަހު އާއިލާއިން ކަމަށެވެ.

މި ކުއްޖާ ފެނިގެން ފުލުހުން އޭނާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ފުލުހުން އިތުރު އެއްޗެއް ހާމަ ނުކުރި ނަމަވެސް މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެއެވެ.

އޭނާގެ އާއިލާގެ މީހަކު ސޯޝަލްމީޑިއާގައި ބުނެފައި ވާ ގޮތުގައި އެކުއްޖާ 10 ވަނަ ދުވަހު ގެއިން ނިކުތީ 2:30 ހާއިރުއެވެ. އަދި އެވަގުތު އެކުއްޖާ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓޮޕެކެވެ. އަދި އޭނާ އަޅައިގެން ހުރީ ކަޅުކުލައިގެ ޝޯލްއެއްކެވެ.