އިންޑިއާގެ އެއްގަމު ދަތުރުފަތުރުގެ އުޅަނދުތަކުގައި ޕެޓްރޯލް ބޭނުން ކުރުން، ކުރިއަށް އޮތް 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް، އިންޑިއާގެ ޔޫނިއަން މިނިސްޓަރެއް ކަމަށް ވާ ނިތިން ގަދްކާރީ ވިދާޅުވެއްޖެއެވެ.

މަހާރާޝްތުރާ ސްޓޭޓްގައި ކުރިއަށް ދިޔަ އިވެންޓެއްގައި ވާހަކަ ދައްކަވަމުން އިންޑިއަން ޔޫނިއަން މިނިސްޓާ ފޮ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭ، ގަދްކާރީ ވަނީ، ހައިޑްރޯޖަންއާއި އެތަނޯލް ފަދަ ތިމާވެއްޓާ ރައްޓެހި "ފެހި ހަކަތަ" ބޭނުން ކުރުމަށް ބާރު އަޅުއްވާފައެވެ.

މި މޭރުމުން ގަދްކާރީ ވަނީ، ދަނޑުބިންތަކުން ހަމައެކަނި ކާބޯތަކެތި ފޯރުކޮށްދޭ ބައެއްގެ ގޮތުގައި ދެމި ތިބުމުގެ ބަދަލުގައި، ހަކަތަ ފޯރުކޮށްދޭ ބަޔަކަށް ވުމަށް ދަނޑުވެރިންނަށް ވެސް ގޮވާލައްވާފައެވެ.

މި ދުވަސްވަރަކީ އިންޑިއާގެ އެކި ސަރަހައްދުތަކުން ފެހި ހަކަތައަށް އަމާޒު ހިފާފައި ވާ ދަނޑިވަޅެކެވެ. އެގޮތުން ޗައްތީޝްގަރުގެ ސަރަހައްދީ ސަރުކާރުން ވަނީ ކަރަންޓުގެ ހަކަތައިން އުޅަނދު އޮޕަރޭޓް ކުރުމާ ބެހޭ ސިޔާސަތެއްވެސް ދާދި ފަހުން ފާސް ކޮށްފައެވެ.

އިންޑިއާއިން ފާސްކުރަމުން ދާ މިފަދަ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނެވިއްޖެނަމަ، އެއްގަމު ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން، ތިމާވެށި ހިމާޔަތް ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެއެވެ. އެއީ މިވަގުތު އިންޑިއާއަށް އިންތިހާއަށް ބޭނުން ވެފައި ވާ ކަމެކެވެ. އިންޑިއާގެ ވެރިކަން ކުރާ ނިއު ދިއްލީއަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ވައިގެ ތަޣައްޔަރުކަން އެންމެ ބޮޑު އެއް ސަރަހައްދެވެ.