ލަންކާ ރައީސްގެ އިސްތިއުފާއަށް ގޮވާލައި ލަންކާގައި އެގަމުގެ ރައްޔިތުން ކުރަމުން ދާ މުޒާހަރާ ހޫނުވެ، މިއަދު ރިޔާސީ ގަނޑުވަރަށް ވަދެގަނެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ގޮތަބަޔާގެ ގަނޑުވަރަށް ވަދެގަނެ ސްވިމިލްޕޫލަށްވެސް އެރެފައެވެ. އަދި ބައެއް މީހުން އެ ޕޫލްގައި ފަތާތަންވެސް ފޮޓޯތަކުން ފެނެއެވެ.

ލަންކާ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ގޮތަބަޔާ މިހާރު ވަނީ ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

ލަންކާގައި ދިގުލައި ގޮސްފައިވާ މުޒާހަރާތަކާއި ހަމަނުޖެހުންތަކަކީ، އެގައުމަށް އިގްތިސޯދީ ގޮތުން ދިމާވެފައި ވާ ތަދުމަޑުކަމެވެ. ތެޔޮ ލިބުން ދަތިވެ ކާބޯތަކެއްޗާއި ބޭސް އެތެރެ ކުރުމަށް ބުރޫ އަރާ ގައުމުގެ ހާލަތު ވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. މިއާއެކު އުފެދިގެން ދިޔަ ހަމަނުޖެހުންތަކުގައި ގޮތަބަޔާ ސަރުކާރަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުންގެ ގެދޮރުގައި ރޯކޮށް، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުން ދިނުމުގެ އިތުރުން، ސިޔާސީ ބައެއް ފަރާތްތަކާއި، ބައެއް އާންމުން މަރުވެފައިވެސް ވެއެވެ.

ގޮތަބަޔާ އިސްތިއުފާއަށް ގޮވާ އާންމުން ކުރަމުންދާ މުޒާހަރާގައި ގޮތަބަޔާގެ ގަނޑުވަރަށް ވަދެގަނެ ސްވިމިގްޕޫލުގައި ފަތަނީ

މިއަދު ލަންކާގެ މަޝްރަހު އިތުރަށް ހޫނުވެފައި ވާއިރު، މުޒާހަރާގައި ބައިވެރިވުމަށް ލަންކާގެ އެކި ސަރަހައްދުތަކުން އާންމުން، ކޮލަމްބޯއަށް ދަތުރުކުރަމުން އެބަދެއެވެ. ބަސްތަކާއި ކާރުތަކާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން އެބަޔަކަށް އާދެވުނު ގޮތަކަށް ކޮލަމްބޯއަށް ވަންނަމުން ދާކަމަށް ހަބަރުތައް ބުނެއެވެ.

ސަލާމަތީ ހިދުމަތްތަކުން މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ވައިގެ ތެރެއަށް ބަޑިޖެހިނަމަވެސް މުޒާހަރާގެ ބައިވެރިން މަތައެއް ނުވެއެވެ. އެމީހުން ޑިމާންޑްކުރަމުން ދަނީ ގޮތަބަޔާގެ އިސްތިއުފާއަށެވެ.

ލަންކާއަށް ދިމާވެގެން އުޅޭ ނުތަނަވަސްކަން އުފެދިގެން އައި އިރު ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި މިހާރު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެން ހުންނެވީ މީގެ ކުރިންވެސް ލަންކާގެ ބޮޑުވަޒީރުކަން ކުރެއްވި ރަނިލް ވިކްރަމަސިންގްހައެވެ. ރަނިލް ވަނީ، ލަންކާގެ މަޝްރަހު ހަމައަކަށް އެޅުވުމަށްޓަކައި ގިނަ ޕޮލިސީ ބަދަލުތައް ގެންނަވާފައެވެ. އަދި ލަންކާއަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަންވެސް ހޯއްދެވިއެވެ. ނަމަވެސް އެ ކަމުން ނުކުތް ނަތީޖާއެއް އަދި ސާފެއް ނުވެއެވެ.