ކޮވިޑް-19 އާއި ޑެންގީ ހުން ގިނަ އިރެއްގައި ނައިޓް މާކެޓް ނުބާއްވާނަން ނިންމައިފިއެވެ.

ދާދި ފަހުން މާލެ ސަރަހައްދުގައި ނައިޓް މާކެޓެއް ބާއްވަން ސިޓީ ކައުންސިލުން އިއުލާނުކޮށް، އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިގޮތުން މާލޭގައި ނައިޓް މާކެޓް ރާވައި ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 20 ގެ މެންދުރު 2 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހަޅަން ވެސް ވަނީ އެދިފައެވެ.

ނަމަވެސް ރޭ މާލެ ސިޓީގެ މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައިޓް މާކެޓް ބޭއްވުމަށް އިއުލާނު ކޮށްފައި އޮތްނަމަވެސް، ނައިޓް މާކެޓް ބައްވާނީ މާލެސިޓީގައި ކޮވިޑް ކޭސްތައް އެންމެ ބޮޑަށް މަދުވިއިރު ހުރިވަރަށް މަދުވި ދުވަހަކުން ކަމަށެވެ.

އަދި ކޮވިޑް އާއި ޑެންގޫ ފަދަ ރޯގާތައް ގިނަ އިރެއްގައި ސިޓީ ކައުންސިލުން މާލެސިޓީގައި ނައިޓް މާކެޓް ނުބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ރޯދަ މަހާ ދިމާކޮށް، އަދި ރޯދަ މަހު ވެސް ކައުންސިލުން ނައިޓް މާކެޓު ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ، ނައިޓް މާކެޓް ނުބާއްވައި އޭރު ވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން ކައުންސިލުން ފާހަގަ ކުރީ އިންތިޒާމްތައް ހަމަޖައްސަން ދަތިވި ކަމާއި ރޯދަ މަހު ބާއްވަން އޮތް ނައިޓް މާކެޓަށް ތަރުހީބު ނުލިބުނު ކަމެވެ.

ކައުންސިލުން އިންތިޒާމް ކޮށްގެން އެންމެ ފަހުން ނައިޓް މާކެޓެއް ބޭއްވީ އާ އަހަރާ ދިމާކޮށް މިދިޔަ ޑިސެމްބަރުގައެވެ. އެ ނައިޓް މާކެޓަށް ލިބުނު ތަރުހީބާ ގުޅިގެން މުއްދަތު އިތުރުކުރަމުން ގޮސް ނިންމާލީ ޖެނުއަރީގައެވެ.

ކޮންމެ އަހަރަކު ވެސް މާލޭގައި ބާއްވާ ނައިޓް މާކެޓުގައި ގިނަ ވިޔަފާރިތަކުން މުދަލާއި ކާބޯތަކެތި ވިއްކަމުން ދާއިރު، ނައިޓް މާކެޓަށް އާންމުންގެ ތަރުހީބު އަބަދު ވެސް ބޮޑެވެ.