ތާރީހުގައި ގިނަ ބަޔަކު އެ ބޭފުޅަކު ދެން ސިފަ ކުރައްވާނީ އަރަވަޑައިގެންނެވި ހަލުވި މިނުގައި، އެހާމެ ބަރަށް ވެއްޓިވަޑައިގެންނެވި ލީޑަރެއްގެ ގޮތުގައެވެ. އެއީ ބޯދާ އުސޫލުތައް މުގުރާލެއްވި، އެތައް ގަވައިދެއް ބިންދާލެއްވި ޝަހްސެކެވެ. އެއީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަންއެވެ.

އެ ޝަހްސުގެ ކާމިޔާބީތަކާއި، ހިތްވަރާއި ގަދަ އަޒުމަކީ، ހަމަ، ހުދު ޖޯންސަންގެ ބަލި ފައި ކަމަށް ގަބޫލު ކުރެއްވި ކޮންޒަވޭޓިވް މެންބަރުން، އިނގިރޭސި މަޖިލީހުގައި އެބަތިއްބެވިއެވެ. އެއީ ކެމްޕޭން ކުރައްވަން ވަރުގަދަ، ވެރިކަން ކުރައްވަން ބަލިކަށި ލީޑަރެއް ކަމަށް ސިފަ ކުރާ ބަޔަކުވެސް އުޅެއެވެ.

ބޮރިސް ޖޯންސަން ވިދާޅުވާ ގޮތުގައި މި ފަހަކުން އޭނާއަކީ ބާރުތައް ކަނޑުވާލެވިފައިވާ ބޮޑުވަޒީރެކެވެ. އަމާޒުތަކެއް ހާސިލު ކުރެއްވުމުގެ ބަދަލުގައި، ޒިންމާތަކެއް އަދާކޮށް ނިންމަވަމުން ގެންދެވި ބޮޑުވަޒީރެކެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައި ވާ ބޮރިސް ޖޯންސަން/ފޮޓޯ: ސްކައިނިއުސް

"މުޅި ދުނިޔޭގެ ރަސްކަން" ކުރެއްވުމުގެ ފޮނި ހުވަފެންތައް، ތުއްޕުޅުއިރުއްސުރެ ދެކެވަޑައިގެންނެވި ޖޯންސަން، މަގާމުން އިސްތިއުފާ ދެއްވާ، އެކަން އިއުލާން ކުރެއްވުމަށްފަހު ވަޑައިގެންނެވިއިރު، އެތައް ބަޔަކު ދިޔައީ އޭނާއަކީ "ދޮގުވެރިއެއް" ކަމަށް ބުނެ، ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.

މިހާ ހިސާބުން އެންމެންގެ ހިތުގައިވެސް އުފެދޭ ސުވާލަކީ، ދެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅު ފުރުއްވާނެ ޝަހްސަކާ މެދު ކުރެވޭ ސުވާލެވެ. ރިޔާސީ ޑިމޮކްރަސީތަކާ ހިލާފަށް، ބަރުލަމާނީ ޑިމޮކްރަސީއެއްގައި ގައުމެއްގެ ބޮޑުވަޒީރު އައްޔަން ކުރާނީ އެ ޕާޓީއަކުންނެވެ. މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ބައެއްގެ އަތުގައި ނަސީބު ހިފައެވެ.

ކުރިއަށް އޮތީ އިނގިރޭސި ސިޔާސީ މައިދާނުގައި ހައްސީ ދުވަސްކޮޅެކެވެ. ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަވެރި ރޭސް ކުރިއަށް ދާ ދުވަސްކޮޅެވެ.

އިނގިރޭސިވިލާތުގެ ސިޔާސީ މަނާޒިރު ލަފާ ކުރާ މުރާސިލުން ސިފަކުރާ ގޮތުގައި، ބޮޑުވަޒީރު ކަމުގެ ގޮނޑިކޮޅުން ދެން ފެނިގެންދާނީ ބޮރިސް ޖޯންސަންއާ ވަރަށް ތަފާތު ޝަހްސެކެވެ. އާ ލީޑަރާއެކު، ސިޔާސީ މަނާޒިރު މުޅިން ބަދަލުވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއް ކަމެއް ދެމި އޮންނާނެއެވެ. އެއީ އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރާ ދެކޮޅުވެރިވާ ދެކޮޅުވެރިވުމެވެ.

އަދުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބޮޑުވަޒީރު ކަމުގެ ރޭހަށް ޝައުގު ފާޅު ކުރައްވަމުންދާ ޝަހްސުންގެ ތެރޭގައި މަޖިލިސް މެންބަރު ޓޮމް ޓޫގެންޑާޓް، އެޓާނީ ޖެނެރަލް ސުއޭލާ ބްރޭވްމަން އަދި 'ބްރެގްޒިޓާ' ސްޓީވް ބޭކާ ހިމެނިވަޑައިގަންނަވައެވެ.

ކެންޑިޑޭޓުންގެ ނަންތައް ލިބުމާއެކު، ރޭހުގައި ކުރިއަށް ވަޑައިގަތުމަށްޓަކާ، ކޮންމެ ކެންޑިޑޭޓަކަށްވެސް މަޖިލީސް މެންބަރުންގެ ތެރެއިން 8 މެންބަރެއްގެ ތާއީދު ބޭނުންވެއެވެ. ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންޒަވޭޓިވް އެމްޕީއިންނެވެ. 18 ވޯޓަށް ވުރެ މަދުން ލިބިވަޑައިގަންނަވާ ކެންޑިޑޭޓުން، ފުރަތަމަ ބުރުން ބޭރުވެއެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަން / ފޮޓޯ: ދަ ބޮސްތަން ގްލޯބް

2 ވަނަ ބުރުގައިވެސް ވޯޓު ދެއްވާނީ ކޮންޒަވޭޓިވް އެމްޕީއިންނެވެ. 36 ވޯޓަށްވުރެ މަދުން ލިބިވަޑައިގަންނަވާ ކެންޑިޑޭޓުން 2 ވަނަ ބުރުން ބޭރުވެއެވެ. ހުރިހާ ކެންޑިޑޭޓުންނަށް 36 ވޯޓަށްވުރެ މަތިން ކަށަވަރު ކުރެއްވިއްޖެނަމަ، ދެން ބޭރު ވާނީ އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި ކެންޑިޑޭޓުންގެ އުސލުންނެވެ. އެންމެ 2 މަތިން ވޯޓު ލިބިވަޑައިގެންނެވި 2 ކެންޑިޑޭޓުންނާ ޖެހެންދެން އެ މަރުހަލާ ކުރިއަށް ދާނެއެވެ. އެއަށްފަހު މުޅި ކޮންޒަވޭޓިވް ޕާޓީގެ ޕޯސްޓަލް ވޯޓަކުން ގައުމުގެ އާ ލީޑަރު ހޮވައެވެ.

ޕޯސްޓަލް ވޯޓުން ކުރި ހޯއްދަވާ ކެންޑިޑޭޓަކު، ޕާޓީގެ ލީޑަރު ކަމާއި ބޮޑުވަޒީރުގެ ގޮނޑިކޮޅު ކަށަވަރު ކުރައްވައެވެ.

އިނގިރޭސިވިލާތަށް އާ ލީޑަރަކު އައްޔަން ކުރެވޭނީ އަންނަ ޚަރީފު މޫސުމުގައި ކަމަށް ބެލެވެއެވެ. އަދި އެހާ ތަނާ ޖެހެންދެން، ބޮޑުވަޒީރު ކަމުގެ މައްސޫލިއްޔަތު އަދާ ކުރައްވާނީ ބޮރިސް ޖޯންސަން ކަމަށް އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.