މިއަދު އޮތް ސަރުކާރާއި އެ ސަރުކާރަށް ތާއިދުކުރާ ޕާޓީތަކާއި އަދި އެ ޕާޓީގެ ލީޑަރުންނާ އެކު ޕީޕީއެމް އަދި ޕީއެންސީ އިން ކޯލޮޝަން ނުހަދާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާލުވީ، މިއަދު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަ ދައްކަވަމުންވެ. އަދުރޭގެ ވާހަކައިގައި ވަނީ ވަރަށް ބޮޑަށް މި ސަރުކާރަށް ފަޑު ވިދާޅުވެފައެވެ. އެ ގޮތުން އަންނަ ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ޔާމީނަށާއި ޕީޕީއެމާއި ޕީއެންސީއަށް ތާއިދު ކުރާ މީހުންގެ ހިތްތަކުގައި ނުތަވަސްކަން އުފައްދާ، ބައެެއްގެ ސިޔާސީ ކުރިމަގު ބައްޓަން ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަމުން ދާ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރޭގައި ރައީސް ޔާމީންގެ ނަންފުޅު ކިލަނބު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ މިހާރު އޮތް ސަރުކާރާއި އެ ސަރުކާރާ ގުޅިފައިވާ ކޯލިޝަން ޕާޓީތަކުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
މިއީ މިއަދަކު އަލަށް ހިނގަމުން އަންނަ ކަމެއް ނޫން ކަމަށާއި ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް ވެރިކަން ބަދަލު ކުރުމަށް ވެސް މަސައްކަތް ކުރެއްވީ ހަމައެފަދައިން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ގޮތުން މިހާރުގެ ސަރުކާރާއި ގުޅިފައިވާ ޕާތީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިސްވެ ހުންނަވައިގެން ނޫސްތަކުގައި އެކި ކަހަލަ ލިޔުންތައް އަގު ދެއްވައިގެން ޖަހަމުން ގެންދާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
އޭރުއް ސުރެ ކޯޓުތަކަށް ނުފޫޒު ފޯރުވައި ކަޅު ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި އިތުބާރު ގެއްލުވާލައި މި ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ އެހީތެރިކަމާއެކު އިންތިހާބު ވަގަށް ނަގައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. މި ސަރުކާރު އިންޑިއާގެ އަވައިގައި ޖެހިގެން މިހާރު ރާއްޖެ އޮތް ހާލަތަށް ގެނައުމުގައި ބައިވެރިވި އެއްވެސް ސިޔާސީ ޕާޓީއަކާއި އެއްވެސް ސިޔާސީ ލީޑަރަކާ ޕީޕީއެމަކުން ނުގުުޅޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެބައެއްގެ ފަހަތުން ޕީޕީއެމް ނުދާނެ ކަވީ ވެސް އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ގާސިމް ކުރައްވާ މަސައްކަތަކީ ބޭކާރު ކަމެއް ކަމަށާއި އަދި އެ މަސައްކަތުގެ އެއްވެސް ނަތީޖާއެއް އެބޭފުޅުންނަށް ފެނިވަޑައިނުގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ފެބްރުއަރީ އެއްވަން ދުވަހު ނެރުނު ހުކުމަކީ ވެސް ޔާމީންގެ ވެރިކަން ވައްޓާލެއްވުުމަށް ކުރެއްވި ކަމެއް ކަމަށް އަދުރޭ ފާހަގަ ކުރައްވަމުން ވަނީ ގާސިމް ދެއްކެވި ވާހަކަ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ނެރުއްވުމުން އެ ހުކުމް ކުނުނުދިޔަ ކަމަށް ގާސިމް ވިދާޅުވި ވާހަކައަށް އަދުރޭ އިޝާރާތް ކުރެއްވިއެވެ.
މީގެ އިތުރުން ގާސިމްއަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ، ގާސިމް ވެރިކަމަށް ވަޑައިގަންނަވާން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަން ހާސިލް ކުރައްވަން ގާސިމް ގެންގުޅުއްވާ ފޯމިއުލާއަކީ ރައީށް ޔާމީން ޖަލަށް ލާފައި ޕީޕީއެމްގެ ތާއީދު ހޯއްދެވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި މިހާރު ސަރުކާރާއި ސަރުކާރާއެކު ތިބި މެންބަރުންނާ ގުޅިފައިވާ ޕާޓީތަކުން ޕީޕީއެމާއި ޕީީއެންސީއާ ވާދަވެރިވެގެން ކުރަން އުޅޭ އެެއްވެސް ކަމެއް ހާސިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާމީނަށް އޮތް ސަޕޯޓް ވަރުގަދަ ވެފައިވާ މިންވަރު ހާމަ ކުރައްވަމުން އަދުރޭ ވިދާޅުވީ، މި ސަރުކާރުން ރައީސް ޔާމީން ޖަލަށް ލާން މަސައްކަތް ކުރެއްވި ނަމަވެސް އެ މަނިކުފާނު އެނބުރި ޖަލުން ސަލާމަތްވެވަޑަތުމުން ދޭހަ ކޮށްދެނީ ވެސް ރައީސް ޔާމީންގެ މައުސޫމް ކަން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން އެމަނިކުފާނަށް ސަޕޯޓް ކުރާ ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އިތުރުވެ ވަރުގަދަވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު ކޯލިޝަން ސަރުކާރެއްގެ ގޮތުގައި އައިސްފައި ވަނީ ހަތަރު ޕާޓިއެއް ގުޅިގެންނެވެ. އެއީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރްއެމްއެވެ. މިއަދު އަދުރޭ ދެއްކެވި ވާހަކައިގައި އެމްޑީޕީ ލީޑަރު މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރަކީ ގާސިމް އިބްރާހިމާއި، އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތުގެ ލީޑަރު އިމްރާން އަބްދުﷲ އާ އެ ޕާޓީ ނުގުޅޭނެ ޕާޓީތަކާއި ލީޑަރުންނެވެ.