ލައިސަންސް ނެތި އުޅަނދު ފަހަރު ދުއްވައިގެން ހާހަކަށް ވުރެ ގިނަ އުޅަނދު ފަހަރު މިދިޔަ ހަ މަހުގެ ތެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހެޑް އޮފް މާލެ އޭރިއާ 1، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަ،މީރު ވަނީ އުޅަނދު ފަހަރު އެކްސިޑެންޓުވާން މެދުވެރިވާ ބައެއް ސަބަބުތައް ކިޔައިދެއްވައިފައެވެ. އެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • އުޅަނދު ފަހަރު ކޮންޓްރޯލް ނުވުމުގެ ސަބަބުން އެކްސިޑެންޓުވުން
  • ނުބައިކޮށް އޯވަޓޭކް ކުރުމުގެ ސަބަބުން އެކްސިޑެންޓުވުން
  • އުޅަނދު ފަހަރު ދުއްވާއިރު މަގަށް ސަމާލުކަން ނުދިނުމުން އެކްސިޑެންޓުވުން

"މި ހުރިހާ ކަންތައްތަކަކީ ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި، ނުވަތަ އެ ދަތުރުކުރާއިރުގަ އަޅުގަނޑުމެން މަގުމައްޗަށް ދޭންޖެހޭ ސަމާލުކަން ދީފި ކަމަށް ވަންޏާމު އަދިވެސް މިއަށް ވުރެ ބޮޑަށް މަދުކުރެވިދާނެ ކަންކަމުގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން." ސަމީރު ވިދާޅުވިއެވެ.

ބައެއް އުޅަނދު ފަހަރު ރޯޑްވޯދިނަސްގައި ކަނޑައަޅާފައިވާ ކަންތައްތައް ފުރިހަމަ ނުވުމުގެ ސަބަބުން އެކްސިޑެންޓު އިތުރުވާކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ، ވިއްސާރަ މޫސުމުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާފައިވާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ބޭނުންކުރާ އުޅަނދަކީ ދަތުރުކުރަން އެކަށީގެންވާ އުޅަނދެއްތޯ ޔަގީން ކުރުމަށާއި އެ އުޅަނދުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަތޯ ބެލުމަށް ސަމީރު އިލްތިމާސް ކުރައްވާފައިވެއެވެ.

ސަމީރު ވަނީ މިދިޔަ ހަ މަސް ދުވަހު މާލޭގެ މަގުތައް ބެލެހެއްޓުމަށްޓަކައި ފުލުހުން ކުރި ބައެއް މަސައްކަތްތައް ހުލާސާކޮށް ކިޔައިދެއްވާފައެވެ. އެގޮތުން:

  • 40 އަށް ވުރެ ގިނަ އުޅަނދު ގެނެވިފައިވޭ
  • އެ އުޅަނދު ފަހަރު 30 ދުވަހު ބެހެއްޓުމަށް ފަހު ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވޭ
  • ލައިސަންސް ނެތި ދުއްވައިގެން 1،034 އުޅަނދެއް ގެނެވިފައިވޭ

އޭނާ ވިދާޅުވި ގޮތުގައި، ކަނޑައަޅާފައިވާ ލިމިޓަށް ވުރެ މަޑުން ނުވަތަ ބާރަށް ދުއްވުމުގެ ސަބަބުންނާއި، ނުބައި ފަޅިއަކުން އޯވަޓޭކް ކުރަން މަސައްކަތް ކުރުމުގެ ސަބަބުން ބައެއް އުޅަނދު ފަހަރު ދުއްވަން ތިބޭ ފަރާތްތައް ސިހިގެން ގޮސް ބްރިޖާއި، ހައިވޭ، އަދި ތާރު އެޅި މަގުތަކުގައި އެކްސިޑެންޓުތައް ހިނގާފައިވެއެވެ. އަދި ތާރު އެޅި މަގުތަކުގައި އެކްސިޑެންޓު ހިނގުމުގެ ސަބަބުން ލިބޭ އަނިޔާ ބޮޑު ކަމަށް ވިދާޅުވިއެވެ.

ހެޑް އޮފް ހުޅުމާލެ ފޭސް 1، ޗީފް އިންސްޕެކްޓަރު އަބްދުލްމަތީން އަބްދުލްކަރީމް ވިދާޅުވީ، އުޅަނދު ފަހަރު ދުއްވާ ބައެއް ފަރާތްތަކުން އެހެން އުޅަނދު ފަހަރަށް ޖާގަ ނުދީ ދުއްވުމުގެ ސަބަބުން، ގޯޅި އަޅާ ވަގުތު އެކްސިޑެންޓުތައް ހިނގާފައި އެބަހުރި ކަމަށެވެ. ވަކިން ހާއްސަކޮށް ގޯޅި އަޅާ ވަގުތު ނުވަތަ ޔޫޓާން ނަގާއިރު އެކްސިޑެންޓުތައް އިތުރުވެފައިވާ ކަމަށް ވިދާޅުވެ، އެ ކަންކަމަށް ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިދިޔަ ހޯމަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެހެން ކާރެއްގައި ޖެހި، އަދި ބަހެއްގައި ޖެހި އެކްސިޑެންޓެއްގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވި ހަތަރު މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން ދިޔައިރު، އެކަކު ވަނީ މަރުވެފައެވެ.