އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލާގައި ފުލުހަކު ސަސްޕެންޑު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ލީކްވި ވީޑިއޯއިން ފެނިފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާއި އެއް ޖިންސުން ގުޅުން ހިންގާ އެހެން ވީޑިއޯތަކުގައި ފެންނަ ބަންގްލަދޭޝް މީހާއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށާއި އެ މައްސަލާގައި ހިމެނޭ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސް އިން ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އޮފިސަރު މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑު ކުރެވިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯއެއް ވެސް ލީކުވެފައި ވާއިރު، ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާރު ވަނީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި، ކާނަލް ނަޝީދު އަދި ބަންގުލަދޭޝް އަލަމްގިރި ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައެވެ. ނަމަވެސް މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.