މަސްދަރު ހާމަކުރުމަށް މަޖުބުރުވާ ގޮތަށް ހެއްކާ ބެހޭ ބިލްގައި މިހާރު ހިމަނާފައިވާ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ގޮވާލާ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި އެޓޭނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ހުށައަޅައިފިއެވެ.
އެ މާއްދާ އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ފެށި "މަސްދަރު ހިމާޔަތް ކުރާނަން" ހަރަކާތުގެ ދަށުން މިދިޔަ ހޯމަ ދުވަހު ސޮއިކުރަން ފެށިއިރު އެ ޕެޓިޝަނުގައި ވަނީ 158 ނޫސްވެރިއަކު ސޮއިކޮށްފަައެވެ.
އެ ޕެޓިޝަންގައި ނޫސްވެރިން ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާ އެއްގޮތަށް ބިލް އިސްލާހުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމަށާއި ރައްޔިތުންގެ މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ދެވަނަ ވިސްނުމަކަށް ގޮސް ބިލް އިސްލާހުކުރުމަށް ގޮވާލާފައެވެ. އަދި މަސްދަރު ހާމަކުރާ ހާލަތުގައި ކަމެއް ސާބިތުވާން ޖެހެނީ މަދަނީ މިންގަނޑުން ކަމުގައި އޮންނަ އޮތުން ބަދަލުކޮށް "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ"ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލުގައި ލާޒިމްކުރުމަށް ވެސް ނޫސްވެރިންގެ އެ ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
މަސްދަރު ހާމަކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ 'ގައުމީ ސަލާމަތް' ބިލުން އުނިކުރުމަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލުގައި ހަނިކުރުމަށާއި ކުއްލި ބޮޑު ނުރައްކަލެއް އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށް ވާތީ، އެ ގޮތަށް ބިލު އިސްލާހުކުރުމަށާއި ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ނޫސްވެރިން ވަނީ އެދިފައެވެ.
އެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހެޅުއްވުމަށް ފަހު ރައީސް އޮފީސް ބޭރުގައި ވާހަކަ ދައްކަވަމުން އެމްޖޭއޭގެ ރައީސް ރިފްޝާން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ނޫސްވެރިން އެ ޕެޓިޝަންގައި ސޮއިކުރުމުން އެކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ އޮތް ކަންބޮޑުވުން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށާއި މަސްދަރު ސިއްރުކުރުމަކީ ގާނޫނޫ އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު އަދި ނޫސްވެރިކަމުގެ ވަރަށް މުހިންމު އަސާސީ ސިފައަކަށްވާއިރު އެފަދަ ހައްގެއް ގާނޫނަކުން ހަނިކުރަން ވާނީ ވަރަށް ހާއްސަ އަދި އާންމުންނަށް ކުއްލި ނުރައްކަލެއް ކުރިމަތިވެދާނޭ ހާލަތްތަކެއްގައި ކަމަށް ނޫސްވެރިން ބުނަމުން އަންނަ އިރު އެ އަޑު ރައީސް ސޯލިހު އަޑު އައްސަވަން ޖެހޭ ކަމަށެވެ.
ޕެޓިޝަންގެ އިތުރުން "މަސްދަރު ހިމާޔަތް ކުރާނަން" ކެމްޕޭންގެ ދަށުން އެމްޖޭއޭއިން ނޫސްވެރިންނާ ގުޅިގެން އެހެން ހަރަކާތްތައް ވެސް ހިންގަން ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ނޫސްވެރިން އިގްރާރެއްގައި ސޮއިކުރުމާއި ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުމުގެ ބިލެއް އެމްޖޭއޭގެ ފަރާތުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ކުރުމެވެ.