އަޟްހާ އީދު ދުވަހާއި ވަޅުއީދު ދުވަހު ވަކިވަގުތެއްގައި ހަމައެކަނި މާލޭގައި ދުއްވާއެއްޗެހި ނުދުއްވާ އެވަގުތު ތަކުގައި ފައިމަގުގައި އުޅޭގޮތަށް މާލެ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ އެ ދެ ދުވަހުގެ ހަވީރު 4 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދު ފަހަރު ދުއްވޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ އީދު ދުވަހާއި ވަޅުއީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމް ކަމަށާއި އެ ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެފައި ކަމަށެވެ.

އީދު ދުވަހުގެ ވަކި ވަގުތުތަކެއް ފައިމަގުގައި އުޅުމަށް ހާއްސަކުރުމުގެ ގޮތުން މިދިޔަ ފިތުރު އީދުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދުއްވާ އެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ.