މޫސުން ރަނގަޅު ނަމަ މިއަހަރުގެ އަޟްހާ އީދު ނަމާދު ކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގައި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް މިފަހަރު އީދު ނަމާދު ކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށެވެ.

ވުމާއެކު، ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ބޮޑު ޖަމާއަތް އޮންނާނީ:

  • މާފަންނު ޓާފް ދަނޑު (މާލެ)
  • ހުޅުމާލެ ސްޓޭޑިއަމް
  • ވިލިމާލެ ސްޓޭޑިއަމް

ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެއެވެ. ނަމަވެސް އެ މިސްކިތްތަކުގެ ތަފްސީލެއް މިނިސްޓްރީން އަދި ނުދެއެވެ.

އީދު ނަމާދަށް ދާ ހުރިހާ ފަރާތްތަކުން ވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި، އަމިއްލަ މުސައްލައަކާއި ފެންފުޅިއެއް ގެންގުޅުމަށާއި، ފައިވާން ނުވަތަ ބޫޓު ލާނެ ކުޑަ ޕްލާސްޓިކް ނޫން ދަބަހެއް ނުވަތަ ކޮތަޅެއް ގެންދިއުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ ކަމަށް ބުނި ނަމަވެސް، މޫސުން ގޯސްވެއްޖެ ނަމަ، އީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށް، އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ އަހަރު ދުވަސް ވަންދެން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މެދު ކަނޑާލުމަށް ފަހު، މި އަހަރުގެ ފިތުރު އީދު ދުވަހު އީދު ނަމާދުކޮށްފައި ވަނީ ބޮޑު ޖަމާއަތުގައެވެ.