މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަންތަކުގައި ފުލުހުން ބޭނުންކުރާ ކުއްތާތައް މާލެ ތެރެއަށް ނެރެގެން މިއަދު ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ކޭނައިން ޑިޕާޓްމަންޓް، ނުވަތަ ޑޯގް ސްކޮޑް ބޭނުން ކުރަނީ މަސްތުވާތަކެތީގެ ތަފާތު އޮޕަރޭޝަންތައް ހިންގައި، މަސްތުވާތަކެތި ހޯދުމަށެވެ.

ތަމްރީނުތަކާ ގުޅޭ އިތުރު ތަފްސީލެއް ހާމަނުކުރި ނަމަވެސް، މިއަދު ކުރި ޓްވީޓެއްގައި ފުލުހުން ބުނީ، ޑޯގް ސްކޮޑްގެ ހާއްސަ ތަމްރީނުތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.

ޑޯގް ސްކޮޑުގައި ފުލުހުން ތަފާތު ވައްތަރުތަކުގެ ކުއްތާ ގެންގުޅެއެވެ. އޭގެ ތެރޭގައި، ބެލްޖިއަމް މަލިނޮއިސް، ލެބްރެޑާ، ގޯލްޑެން ރިޓްރީވާ، ޗޮކްލެޓް ލެބްރޯޑް، ޕެޓިޑޭލް، ޖެކް ރަސްލް ހިމެނޭއިރު، ފުލުހުން ދައްކާލާފައި ވަނީ ބެލްޖިއަމް މަލިނޮއިސް، ދެ ލެބްރޭޑާ އަދި ލެބްރޭޑާ ޕެޓިޑޭލް މިކްސެކެވެ. އެއީ ބްލެކީ، ސޭމް އަދި ޓާރާއެވެ.

އޭގެ ތެރެއިން ދެ ކުއްތާއެއް މިދިޔަ އަހަރު މަރުވެ، މިހާރު ބާކީ އޮތީ 15 ކުއްތާއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަން ޑޯގް ސްކޮޑެއް އުފައްދައި ކުއްތާތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.