ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ދިއްދޫ ބަނދަރު ތަރައްގީކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ 77 ޕަސަންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 50 ޕަސަންޓް ނިންމާފައިވާ ކަމަށެވެ.

މިމަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި 2 ނެރުބައްތި ޖެހުމާއި 58 މީޓަރު ގްރޮއިން ޖެހުމާއި 40 މޫރިންގް ބޮއި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި ރޭމްޕް ހެދުމާއި 45 ބަނދަރު ބައްތި ޖެހުމާއި 4320 ސްކެއާ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

އެ މަޝްރޫއަށް 69.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.