ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވެސް 1100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 އިން މި މަހުގެ 2 އަށް 1134 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ހިމެނެނީ މާލެ އިން 391 މީހަކާއި އަތޮޅު ތެރެއިން 297 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 446 މީހެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު 54 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ފެތުރެމުން އަންނާތީ މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ކޮވިޑްގެ ހަތަރުވަނަ ޑޯޒް ޖަހަން އަންގާފައެވެ. އެގޮތުން ހަތަރުވަނަ ޑޯޒް ޖަހަން މިވަގުތު އަންގާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ބަލި ޖެހިގެން ނުރައްކާ ވާނެ ފަދަ ބަލިތައް ތަހައްމަލު ކުރާ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ. ހަމައެއާއެކު އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒް ޖަހަން ވެސް ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގައި މިހާރު 2 ޕްލޫ ކްލިނިކަކުން އަދި 3 ވެކްސިން ސެންޓަރުން ހިދުމަތްދެމުން އަންނަ އޭގެ ތެރޭގައި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުންގެ ފްލޫ ކްލިނިކުން ކޮންމެ ދުވަހަކުވެސް ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގެ ވެކްސިން ޖަހައިދޭ ސެންޓަރުތަކަކީ ދަރުމަވަންތަ ހޮސްޕިޓަލް، ދަމަނަވެށި އަަަދި ހުޅުމާލެ ހޮސްޕިޓަލުންނެވެ.