ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ނިމިއްޖެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ގޮތް ހުސްވެގެން ގެއަށް ނުވައްނާނެ ކަމަށާއި އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުގައި ހުރި ފައިސާއިންވެސް ކުރެވޭ ކަމެއްވިއްޔާ ކުރަމުންދާނެ ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާލޭގައި ސީސީޓީވީ ނިޒާމް ގާއިމްކުރުމަކީ ކުރަން ނިންމާފައިވާ ކަމަށްވާއިރު އޭގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެކަންވެސް ކޮށްފައިވަނީ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ކަމަށާއި ސަރުކާރުން އެކަމަށް ފައިސާއެއް ދީފާ ނުވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ފައިސާއިން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމި، އޭގެ ކޮންޓްރޯލް ރޫމް ހަދާ ނިމިފައިވާ ކަމަށާއި 24 ގަޑިއިރު މުވައްޒަފުންގެ ބެލުމުގެ ދަށުން މާލޭގެ ހުރިހާ މިސްކިތެއް ބެލެމުންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިސްކިތްތަކުގައި ނޭދެވޭ ކަމެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އެޅޭނެ ގޮތް ހަމަޖައްސާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ފޮލިހާއެކު ސިޓީ ކައުންސިލުން ސޮއިކުރި ކޮންސްޓަބްލަރީ އެއްބަސްވުމުގެ ދަށުން ކޮންސްޓަބްލަރުންނަށް ވެސް މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާމްދަނީ ފައިސާއިން ކަމަށާއި ފޮލިސް ކޮންސްޓަބްލަރުން މިހާރު އެކަމަށް ބޭނުންވާ ތަމްރީން ނިންމާފައިވާކަން މުއިއްޒު ފާހަގަކުރައްވައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ މިސްކިތްތައް ބެލުމާއި ޕާކްތަކާއި މަގުތައް ބެލުމަށް 40 އަކަށް ޕޮލިހުން ތިބީ ތައްޔާރުވެފާ ކަމަށެވެ.