މޫދަށް ކުނި އެޅުމާ ގުޅިގެން، އަލިމަތާ ރިސޯޓު ތިން ލައްކައަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުނިވާ ޒާތުގެ ކުނި ކަނޑަށް އެޅުމަކީ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ އީއައިއޭ ރިޕޯޓު ހެދުމާބެހޭ ގަވައިދުގެ ދަށުން، 312،750 ރުފިޔާއިން އެ ރިސޯޓު އިއްޔެ ޖޫރިމަނާކޮށްފައިވާ ކަމަށް، އެ އޭޖެންސީން ބުންޏެވެ.

އަދި އެއް މަސް ދުވަހުގެ ތެރޭ އެ އޭޖެންސީއަށް އެ ފައިސާ ދެއްކުމަށް އަލިމަތާ ރިސޯޓަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

އަލިމަތާގެ އިތުރުން، ވ. އަތޮޅުގެ އެހެން ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ތަހްގީގުކުރުމަށް އެދި އެ ކައުންސިލުން މިދިޔަ އޭޕްރިލް މަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވެއެވެ.

ކުނި މެނޭޖްކުރުމުގެ ގަވައިދުގައިވާ ގޮތުން، އެ ގަވައިދާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކަނޑަށް ކުނި އަޅާ ފަރާތްތަކަށެވެ.