ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދީނީ އިލްމުވެރިންއެއް ކަމަށްވާ ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމްގެ ބަންދުގެ މުއްދަތު 13 ދުވަހަށް އިތުރުކޮށްފިއެވެ.

މިމަހު 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން އަދި ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޝައިޚް ނިޝާންގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ތިން ދުވަހުގެ މުއްދަތެއްދީފައިވާއިރު އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަހު މުއްދަތެއް ވަނީ ދީފައެވެ.

ކޯޓުގައި ފުލުހުން ވަނީ އެ ދުވަހުގެ ހަމަނުޖެހުންތަކުގެ އެންމެ އިސް މީހަކީ ޝައިޚް ނިޝާން ކަމަށެވެ.

ޝައިހް ނިޝާން ހައްޔަރުކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ނިޝާން ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުން އޭނާ ވަށާލުމަށް ފަހުއެވެ. ޝައިހް އެއިރު ނިޝާންގެ ދަރިފުޅު އޭނާގެ ކައިރީގައި ބިރުން ހުރިހެން ހީވިއެވެ. އެއާއެކު އޭނާ ބައްދާލާ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ. އެހެންވެ ސޯޝަލް މީޑިއާގައި ގިނަ މީހުން ފުލުހުންނަށް ފާޑުކިޔާފައި ވެސް ވެއެވެ.

ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ، ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ހުއްދަ ނަގާފައި ވަނީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށެވެ.

ޝައިޙުންގެ އިތުރުން، އެ ދުވަހު ދެން ހައްޔަރުކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) އާއި، ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލެވެ. އޭގެ ތެރެއިން ރައްޒާން މިދިޔަ އަންގާރަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.