ޔަހޫދީ އިޒްރޭލުގެ ނުފޫޒުން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަންދު ކުރި ފަލަސްތީނުގެ އެންމެ އުމުރުން ދުވަސްވީ އަންހެން ގައިދީ މަރުވެއްޖެއެވެ.

އިޒްރޭލުގެ ޖަލެއްގައި ބަންދު ކޮށްފައި އިން އުމުރުން 68 އަހަރުގެ ސާދިއާ ފަރަޖައްލާ މަރުވީ، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ހިބްރޫންގެ އަސްކަރީ ޗެކްޕޯސްޓަކުން، އިޒްރޭލުގެ ބާރުތަކުގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަތާ 6 މަސް ދުވަސް ފަހުންނެވެ.

ޑިސެމްބަރު 2021 އިން ފެށިގެން އިޒްރޭލުގެ ޑެމޯން ޖަލުގައި ބަންދު ކޮށްފައި އިން ސާދިއާ ފަރަޖައްލާއަކީ ދާއިމީ ސިއްހީ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ ގައިދީއެކެވެ. އެގޮތުން އޭނާއަކީ ލޭ މައްޗަށް ދިއުމާއި ހަކުރު ބަލީގެ ޕޭޝަންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

ހިބްރޫންގެ އިބްރާހީމީ މިސްކިތް ކައިރިން ސާދިއާ ފަރަޖައްލާ ހައްޔަރު ކުރީ، ތޫނު އެއްޗަކުން، މީހަކަށް ހަމަލާ ދޭން އުޅުނު ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ސާދިއާ ފަރަޖައްލާގެ މަރާ ގުޅިގެން، ފަލަސްތީނުގެ އެކި ފެކްޝަންތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްތާކުން ދަނީ އިޒްރޭލުގެ އަމަލު ކުށްވެރި ކުރަމުންނެވެ. އަދި ސާދިއާ ފަރަޖައްލާ މަރުވެފައި ވަނީ، ފަލަސްތީނުގެ ގައިދީންގެ ސިއްހަތަށް އިހުމާލުވުމަށް އިޒްރޭލުން ތަންފީޒު ކުރާ ސިޔާސަތުގެ ސަބަބުން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.

ޖޫން 28 ވަނަ ދުވަހު އޮތް ކޯޓު އަޑު އެހުމަކަށްވެސް ސާދިއާ ފަރަޖައްލާ ވަނީ ހާޒިރުވެފައެވެ. 5 އަހަރު ދުވަހުގެ ޖަލު ބަންދާއެކު ގާތްގަނޑަކަށް 4200 ޑޮލަރުގެ ޖޫރިމަނާއަކަށް ޕްރޮސެކިއުޓަރުން ޑިމާންޑް ކުރަމުން ދިޔަ އެ އަޑުއެހުމަށް ސާދިއާ ފަރަޖައްލާ ހާޒިރު ވެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިދްނާއޭ ކިއުނު އަވަށަށް ނިސްބަތްވާ 8 ދަރިންގެ މަންމަގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް، ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން ވަނީ ޑިމާންޑް ކޮށްފައެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީއިން ވަނީ، މި ހާދިސާގެ ތަހުގީގު، ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.