ހެއްކާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިނަމަ އެ ބިލުގައިވާ މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގައިވާ ގޮތުން، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރު ޖެނެރަލް، ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.

އެމްއެމްސީން މިއަދު ބޭއްވި ޖަލްސާގައި ވަނީ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ މާއްދާއެއް މިހާރު އޮތްގޮތުން ކައުންސިލްގެ ކަންބޮޑުވުންތަކެއް އޮތުމުން އެ މާއްދާ އިތުރަށް ދިރާސާކޮށް ގޮތްތަކެއް ހުށަހެޅުމަށް އެ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީ އަށް ފޮނުވުމާއި ހެއްކާބެހޭ ގާނޫނު ރައީސް ތަސްދީގުކުރައްވައިފި ނަމަ އެ ބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ނޫސްވެރިންގެ ޖަމިއްޔާ އާއި އެޑިޓާސް ގިލްޑުން ނެރުނު ޖޮއިންޓް ބަޔާނެއްގައި ބުނީ، ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތާ މެދު ދެ ޖަމިއްޔާއިން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެ މާއްދާ އިސްލާހުކޮށް، މަސްދަރު ހާމަކުރެވޭނެ ހާލަތްތައް ހަރުކަށިކޮށްފަ ނޫނީ އެ ބިލް ތަސްދީގު ނުކުރުމަށް ވެސް ރައީސަށް ގޮވާލާ ކަމަށެވެ.

އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުގެ އިތުރުން، އެމްއެމްސީން ހެއްކާ ބެހޭ ބިލް ތަސްދީގުނުކުރުމަށް ރައީސް އަރިހު އެދިފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ބިލް އުވާލުމަން ސަރުކާރަށް ގޮވާލައިފައެވެ. އިދިކޮޅުން ބުނީ، ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ގޮތަށް ހެއްކާ ބެހޭ ބިލު ފާސް ކުރުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެ ބިލު ފާސްކުރުމުގެ ސަބަބުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ ބާރު ހަނިވެގެން ދާނެ ކަމަށެވެ.