ދިވެހި ފައިސާގެ ނިޝާނަކަށް ތާނައިގެ "ރ" ގައި އިތުރު ރޮނގުބުރިއެއް ހިމެނޭ ނިޝާނެއް ތައާރަފް ކޮށްފިއެވެ.

ދިވެހި ފައިސާގެ ނިޝާން ތައާރަފް ކުރުމަށް މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ނިޝާން ލޯންޗުކޮށްދެއްވީ އެންވާރުމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ދިވެހި ފައިސާގެ ނިޝާނުގައި ތާނަ އަކުރެއް ބޭނުން ކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ. ފައިސާގެ ނިޝާން ކަނޑައަޅާފައި ވަނީ ދުނިޔޭގެ 50 ވަރަކަށް ގައުމުން ކަމަށްވާ އިރު އެގައުމުތަކުގެ ލިސްޓަށް ރާއްޖެ އައުން މިއީ ލިބުނު އިތުރު ފަހުރެއްގެ ގޮތުގައި ޝައުނާ ފާހަގަ ކުރެއްވިއެވެ.

މި ނިޝާން ވީހާ ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްތައް ފަހިކުރުން ވަރަށް މުހިއްމު ކަމަށާއި އެކަން ކުރުމަށް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ވެސް މި ނިޝާން ބޭނުން ކުރެވޭނެ ގޮތްވުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ނިޝާން ދިވެހިން ދިރިއުޅުމުގެ ތެރެއަށް ވެއްދުމަށް އެންމެން ވެސް މަސަައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މި ނިޝާން އިންޓަނޭޝަނަލް ފެންވަރެއްގައި ބަލައިގަންނަ "ޔުނިކޯޑް ސްޓޭޑާޑް" ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މި ނިޝާނަކީ މިދިޔަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާ ކުރުމަށް ހުޅުވާލުމުން ހުށަހެޅި 70 ހުށަހެޅުމުގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުން އެންމެ މޮޅު ޑިޒައިންގެ ގޮތުގައި ފާހަގަކުރި މ .ސްޕޮޓްލައިޓް، ހުސެއިން ސުޖާއު ހުށަހެޅި ޑިޒައިނެވެ. އެ ޑިޒައިންގައި ދިވެހި ފައިސާގެ ނިޝާންގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ.