މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ ލިބޭ މީހުން ލައިގެން ހުރި އެއްޗެހީގައި އުދައްޔުގެ ލޭ ނެތް ކަމަށް ޑީއެންއޭ ރިޕޯޓް ތައްޔާރު ކުރީ މީހާ ބުނެފިއެވެ.
އުދައްޔުގެ މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ އާއި މީހަކަށް ހާނީއްކަވާ ގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފާ ވަނީ ގދ. މާމެންދޫ ރިހިފަރުދާގެ އަހުމަދު ޝަމީމަށާއި ހަމަ އެރަށު ބިލަތްމާގެ ޝަރަފް ރަޝީދު އަދު އެ ރަށު ގުލްފާމުގެ މުހައްމަދު މާޒިންގެ މައްޗަށެވެ. އަދި އެ ތިން މީހުންގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއްގެ މައްޗަށްވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޑީއެންއޭ ރިޕޯޓްތައް ތައްޔާރު ކުރި އޮފިސަރު ބުނީ އުދައްޔު ލައިގެން ހުރި ހެދުމުގައި ހޭކިފައި ހުރި ލެއިން ފެނުނީ ހަމައެކަނި އޭނާގެ ލޭ ކަމަށާއި ދައުވާ ރައްދުވާ މީހުން ލައިގެން ހުރި ހެދުމުގައި ހޭކިފައިވާ ލެއިން އުދައްޔުގެ ޑީއެންއޭ ފެނިފައި ނުވާ ކަމަށެވެ.
ޑީއެންއޭ ތައްޔާރު ކުރި އޮފިސަރު ހިމެނޭހެން ޖުމްލަ ހަތަރު ހެކިވެރިއެއްގެ ހެކިބަސް މިއަދު ނަގާފައިވާއިރު ދެން ހެކިބަސް ނެގި މީހުންގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލަށް ގޮސް އުދައްޔުގެ ހަަށިގަނޑު ތަހުލީލުކުރި އޮފިސަރާއި ކުށުގެ ވެއްޓަށް ގޮސް ސީން ބަލައި ފާސްކުރި އޮފިސަރަކާއި ވީޑިއޯ އެނަލީސިސް ރިޕޯޓް ތައްޔާރު ކުރި އޮފިސަރެވެ. މީގެ އިތުރުން އިތުރު ދެ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަން ހަމަޖެހިފައި އޮތް ނަމަވެސް ހެކިން ހާޒިރުވެފައި ނުވާތީ ހެކިބަސް ނެގިފައެއް ނުވާއިރު ދައުލަތުން ވަނީ އެއިން އެއް ހެކިވެރިޔަކީ މުހިންމު ހެއްކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ވަޅިން ތަކުރާރުކޮށް ހަމަލާދީ އުދައްޔު މަރާލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން އޭރު ބުންޏެވެ.