ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގެ ހުކުމްކުރުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

ނަދީމްގެ މަރާ ގުޅިގެން ފުރަތަމަ ހުކުމްކުރަން ނިންމީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހަށެވެ. އޭގެ ދުވަސްތަކެއް ފަހުން މިއަދަށް ތާވަލްކުރި ހުކުމްކުރުމުގެ ޝަރީއަތް ލަސްކުރި ގޮތާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުން އެ ސެކްޝަންގެ ހުރިހާ އަޑުއެހުމެއް މިއަދު ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލައިގާ ދައުވާކުރި މީހުން އެކަމަށް ވަނީ އިންކާރުކޮށްފައެވެ. މިދިޔަ ފެބްރުއަރީމަހު ބޭއްވި މި މައްސަލައިގެ ހުލާސް ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވަނީ ނަދީމަށް ހަމަލާ ދިނީ މަފާޒް ކަން އެނގޭ ކަމަށާއި ދެން ތިބި މީހުން އޭނާއާއި އެކު ބައިވެރިވާ ކަމަށެވެ. އަދި ތިން ސައިކަލެއްގައި ހަ މީހަކު ދިޔައިރު، މަފާޒްއާއި ނިފާޒް ކެފޭ ތެރެއަށް ވަން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ތަހުގީގުގައި ބައިވެރިވި އޮފިސަރުންނާއި އިތުރު ހެކިތަކުންނާއި މީގެ ތެރޭގައި މާލެ ތެރޭ ބަހައްޓާފައި ހުންނަ ސީސީޓީވީ ފުޓޭޖްތަކާއި މަފާޒް ފެނުނު ކަމަށް ބުނާ މީހެއްގެ ހެކި ބަސް ވެސް ހިމެނެއެވެ. އެހެންނަމަވެސް ދިފާއުން ވަނީ އެ ތަނުގެ އެތެރެއިން ފެނުނީ މަފާޒްއާއި ނިފާޒް ކަން ސާބިތުވާ ވަރުގެ ހެއްކެއް ދައުލަތުން ހުށައަޅައިފާ ނުވާ ކަމަށާއި މަފާޒް ދަންނަ ކަމަށް ބުނެ ޝަރީއަތަށް ހެކި ބަސް ދިން ގިނަ މީހުން ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށްވެސް ބުނެފައިވާ ކަމަށެެވެ.

ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ނަދީމު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފާވާއިރު އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.