ނޫސްވެރިންނަށް މަސްދަރު ހާމަކުރުން މަޖުބޫރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލް ތަސްދީގު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްސީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެދިފައި ވަނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވެގެންދާ ގޮތަށް އޮތް ބިލަކަށް ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި، މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވުމަށެވެ.

ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައިވާތީ، އެ ކައުންސިލާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނާއި މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މާއްދާގައި މިހާރު ހިމަނާފައިވާ ގޮތުން ނަމަ، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސކިއުޓާ ޖެނެރަލް ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރު ކުރެވޭނެއެވެ.

މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކުރައްވައި، އަނބުރާ ފޮނުވާލެއްވުމުގެ އިހްތިޔާރު ރައީސަށް އޮވެއެވެ.

ހެއްކާބެހޭ ބިލާ ދެކޮޅަށް ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ މަޖިލިސް އިދާރާގައި ކައިރީގައި އިހްތިޖާޖް ވެސް ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެއީ މިވަގުތަށް ހައްލު ކަމަށެވެ.