އައްޑޫ ހަންކެޑެ ސަރަހައްދުގައި އަޅަމުން އަންނަ ބްރިޖުގެ ބައެއް ގިރާލައި އެ ތަނުގެ މަސައްކަތުގައި ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެ ބްރިޖް މަޝްރޫއަކީ ތިލަމާލެ ބްރިޖް އަލާމުންދާ ކުންފުނި ކަމަށް ވާ އެފްކޯންސް އިން ހިންގާ މަޝްރޫއެކެވެ. އިއްޔެ މެންދުރުފަހުން ފެށިގެން މޫސުން ގޯސްވެ ކުރި ވިއްސާރައިގައި އައްޑޫއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ. އެގޮތުން ހަންކެޑެ ބްރިޖު އެޅުމަށް ހިއްކާފައިވާ ސަރަހައްދު ވަނީ އެކީހެން ގިރާފައެވެ.

ސޯޝަލް މިޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯއިން ފެންނަ ގޮތުގައި ހިއްކާފައިވާ ސަރަހައްދުގައި ބްރިޖު އެޅުމަށް ބަހައްޓާފައިވާ ބައެއް ސާމާނުތައް އޮޔާ ދާ މަންޒަރުވެސް ފެނެއެވެ.

މި ހާދިސާގައި ލިބުނު ގެއްލުން އަދި ސާފުވާ ގޮތެއް ނުވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ގިނަ ރަށްތަކަކަށް އަންނަނީ އުދަ އަރަމުންނެވެ. އަދި އުދަ އެރުމުގެ ސަބަބުން އެތައް ގެއެއް ފެންބޮޑުވެ، ބިޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މި ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ އިދާރާ އިން ބުނީ، ރަށްރަށަށް އުދަ އަރަނީ މޫސުމީ ވިއްސާރައާ ގުޅިގެން ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ތޫފާނެއްގެ އަދި ކޮޅިގަނޑެއްގެ އަސަރެއް ވެސް ނެތް ކަމަށެވެ. އެ އިދާރާ އިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެއެވެ.